ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 18:41
އެސްޓަން ވިލާގެ ގޯލްކީޕަރު ޕެޕޭ ރެއިނާ
އެސްޓަން ވިލާގެ ގޯލްކީޕަރު ޕެޕޭ ރެއިނާ
ގެޓީ އިމޭޖަސް
ކޮވިޑް-19
ރެއިނާ ކޮރޯނާވައިރަހަށް ޕޮޒިޓިވް، 25 މިނެޓު ވަންދެން ނޭވާ ނުލެވުން
ޕެޕޭ ރެއިނާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާޗު މަހު

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ސްޕެއިންގެ ގޯލްކީޕަރު ޕެޕޭ ރެއިނާ، އޭނާގެ ހާލު ކިޔައިދީފިއެވެ.

އިޓަލީގެ އޭސީ މިލާނުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް ކުޅެމުން އަންނަ ޕެޕޭ ރެއިނާ ވަނީ މިދިޔަ މާޗު މަހު ހުން އައުމުގެ ސަބަބުން ސެލްފް-އައިސޮލޭޝަނަށް ގޮސްފައެވެ. އޭގެ ފަހުން އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ރެއިނާ ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެންމެ ފުރަތަމަ އޭނާގެ ހާލު ވަރަށް ގޯސްވި ކަމަށެވެ. އެގޮތުން 25 މިނެޓު ވަންދެން ނޭވާވެސް ނުލެވުނު ކަމަށާއި، އެ ވަގުތުތަކަކީ އޭނާގެ ހަޔާތުގައި ތަހައްމަލު ކުރަން ޖެހުނު އެންމެ އުނދަގޫ އެއް ވަގުތުތައް ކަމަށް ވަނީ ބުނެފައެވެ. އެކަމަކު މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް ރެއިނާ ވަނީ ބުނެފައެވެ.

އެސްޓަން ވިލާގެ ގޯލްކީޕަރު ޕެޕޭ ރެއިނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، މީގެ ކުރިން މީގެ ކުރިން މި ވައިރަހަށް ޕޮޒިޓިވްވި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ވަނީ ރަނގަޅުވެފައެވެ. ދެން ކޮވިޑް-19 އަށް އިނގިރޭސި ޕްރިމިއާ ލީގުން ޕޮޒިޓިވްވެފައިވަނީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އެވެ.

މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގު ވަނީ އޭޕްރީލް 30 ގެ ނިޔަލަށް މެދުކަނޑާލާފައެވެ. ޕްރިމިއާ ލީގުގެ އިތުރުން، އިންގްލެންޑުގައި ކުރިއަށްދާ ހުރިހާ ފުޓްބޯޅަ މުބާރާތްތައްވެސް ވަނީ އޭޕްރީލް 30 ގެ ނިޔަލަށް މެދުކަނޑާލާފައެވެ.

- ކޮމެންޓް