ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގަނެ އެމައްސަލަ އިތުރަށް ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީތަކަށް ފޮނުވުމަށް ފާސްކޮށްފި އެވެ.
މިމައްސަލަ ކޮމިޓީތަކަށް ފޮނުވުމަށް ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ. ފުރަތަމަ ފަހަރަށް އޮންލައިންކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހަފްތާގެ ތިން ދުވަހު ކުރިޔަށް ގެންދަވާފައިވާއިރު މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް އެވެ. މިމައްސަލައަށް 72 މެމްބަރުން ބަހުސް ކުރައްވާފައިވާއިރު ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނާއި ގުޅޭގޮތުން ތަފާތު ޚިޔާލުތައް މެމްބަރުން ފާޅުކުރައްވާ ތަފާތު ހުށަހެޅުންތައް ވަނީ ހުށަހަޅުއްވާފަ އެވެ.
އެހެންކަމުން މަޖިލީހުގެ ތަޅުމުން ނިންމާފައިވަނީ މި މައްސަލަ މަޖިލީހަށް ބަލައިގަނެ ކަމާބެހޭ ކޮމިޓީތަކަށް އެމައްސަލަ ފޮނުވާ އެމައްސަލާގައި ބަޔާންކޮށްފައިވާ ކަންކަމާއި މައްސަލައިގެ ބަހުސްގައި މެމްބަރުން ފާހަގަކުރެއްވި ކަންކަން ދިރާސާކޮށް އެކޮމިޓީތަކުން ދިރާސާކޮށް ރިޕޯޓްތައް ތައްޔާރުކޮށް އެރިޕޯޓްތައް ތަޅުމަށް ހުށަހަޅާ ވަކިވަކިން އެރިޕޯޓްތައް ފާސްކުރުމަށެވެ. އަދި އެއަށްފަހު މިކަންކަމާއި ގުޅޭގޮތުން މަޖިލީހުން ފާސްކުރި ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުން މިކަމާއި މެދު އަރުވާ ލަފައެއްގެ ގޮތުގައި ފޮނުއްވާނެކަަމަށް މިކަމާމެދު ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
މިމައްސަލާގައި މެމްބަރުން ފާޅުކުރެއްވި ޚިޔާލުތަކާއި ހުށަހެޅުއްވި ހުށަހެޅުއްވުންތައް ބަލާނެ ކޮމިޓީތައް ބުރާސްފަތި ދުވަހު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުންނާއި ވާހަކަދައްކަވައިގެން ނިންމަވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެއަށްފަހު އެމައްސަލަތަކާއި ގުޅިގެން ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް އެކަންކަން ދިރާސާކުރަމުންދާނެ ކަަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިމައްސަލައަށް ބަހުސްކުރައްވަމުން މެމްބަރުން ފާޅުކުރެއްވި ޚިޔާލުފުޅުތަކާއި ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓުތަކުގެ މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ކެނޑުމާއި މުސާރަ ނުލިބޭގޮތަށް ފޮނުވާލަމުންދާ (ނޯޕޭ ލީވް) މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމެޓީން ބެލުމަށް ވަނީ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. މީގެއިތުރުން ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅަމުންދާނެ ކަމަށް ބުނެފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ކަންކަން ކުރޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި ކޮމިޓީއެއް އުފެއްދުމަށްވެސް ވަނީ ހުށަހަޅާފަ އެވެ. މީގެއިތުރުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިޞާދު އެހެން ސިނާޢަތްތަކަށް އިންވެސްޓް ކުރުމާއި ގުޅޭގޮތުން މެމްބަރުން ވަނީ ޚިޔާލު ފާޅުކުރައްވާފަ އެވެ.