ކޮވިޑް-19 އާ ދެކޮޅަށް ގައުމުތަކުން ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން އެންމެ ބޭނުންޖެހިފައިވާ ގައުމުތަކަށް 10 މިލިއަން ފޭސް މާސްކް ހަދިޔާކުރަން ޓައިވާނުން ނިންމައިފިއެވެ.
ޓައިވާނުގެ ހާރިޖީ ވުޒާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ހަތް މިލިއަން މާސްކު ފޮނުވަން ހަމަޖެހިފައިވާނީ ވިލާތުގެ ގައުމުތަކަށެވެ. އަދި ދެ މިލިއަން މާސްކު ފޮނުވާނީ އެމެރިކާއަށް ކަމަށެވެ. ބާކީ ހުރި މާސްކުތައް ފޮނުވަން ނިންމާފައިވަނީ އެ ގައުމާއެކު ރަސްމީކޮށް ހާރިޖީ ގުޅުންތައް ގާއިމްކޮށްފައިވާ މަދު ގައުމުތަކަށެވެ.
ޓައިވާނުން ވަނީ މީގެ ކުރިންވެސް އެ ގައުމަށް ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން ހިފަން ބޭރުގެ ގައުމުތަކަށް ހުށައަޅާފައެވެ. ނަމަވެސް، ޗައިނާއާ އޮންނަ ގުޅުމަށް ބުރޫއަރާފާނެތީ ޓައިވާނުގެ ހުށައެޅުމަށް ގިނަ ގައުމުތަކަކުން އިޖާބަ ދިނުމަށް ވަނީ އިންކާރުކޮށްފައެވެ. ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އަދިވެސް ޗައިނާގެ އަތް ދަށުގައި އޮންނަ، ޗައިނާގެ އިމުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ.
"ޓައިވާން ކޭން ހެލްޕް" ޝިއާރުގެ ދަށުން އެ ގައުމުން ވަނީ އެ ގައުމުން މި ވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތުގެ ތަޖުރިބާ އާއި އިލްމު ހިއްސާކުރަން ހުށައަޅާފައެވެ. މާސްކުތައް ހަދިޔާކުރުމަކީ ވެސް އެ މަސައްކަތުގެ ތެރެއިން ކުރަން ނިންމާފައިވާ ކަމެއް ކަމަށް އެ ގައުމުގެ ރައީސް ސައި އިންގް-ވެން ވަނީ ވިދާޅުވެފައެވެ.
ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ސައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބައްޔާ ކުރާ ހަނގުރާމައިގެ ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިން ވީ ގުރުބާނީ އާއި ދެއްކި ހުޝިޔާރުކަމަށް ތައުރީފުކުރައްވާފައެވެ. އަދި އެ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަކީ ވާޖިބެއް ކަމުގައި ދެކޭ ކަމަށް ވިދާޅުވިއެވެ.
ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ޓައިވާނުން ގޮވާލާފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެ ގައުމު އެކަހެރިކޮށްފައިވާތީ ޓައިވާނުން އެ ޖަމިއްޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޑަބްލިޔުއެޗްއޯއިން ވެސް އެ ގައުމު އެކަހެރިކޮށްފައިވަނީ ޗައިނާގެ ނުފޫޒުގެ ސަބަބުންނެވެ.
ޓައިވާނުން ކުރިއާލާ ވައިރަސްއާ ހަނގުރާމަ ކުރުމަށް އެޅި ފިޔަވަޅުތަކާއި ނިންމި ނިންމުންތަކަށް ސިއްހީ މާހިރުންގެ ތައުރީފު ވަނީ ލިބިފައެވެ. މިހާތަނަށް އެ ގައުމުން ކޮވިޑް-19 ގެ 329 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު، ފަސް މީހަކު ވަނީ މަރުވެފައެވެ.