މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ކެންސަލްކުރަން ޖެހިދާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ އޯލް އިންގްލެންޑް އިން ބުނެފި އެވެ.
މިއަހަރުގެ ވިމްބަލްޑަން ކެންސަލް ކޮށްފި ނަމަ ވެގެންދާނީ، ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު މި މުބާރާތް ނުބާއްވާ ފުރަތަމަ އަހަރަށެވެ. އޭގެ ކުރިން ވެސް މި މުބާރާތް ނުބޭއްވި ދިޔައީ ފުރަތަމަ ހަނގުރާމައިގެ ދުވަސްވަރެވެ.
މިއަހަރުގެ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 12 އަށެވެ. ދާދި ފަހުން ޖަރުމަންގެ ޓެނިސް ފެޑެރޭޝަންގެ ނައިބު ރައީސް ޑާކް ހޯޑޯފް ވަނީ މިއަހަރި ވިމްބަލްޑަން ނޯންނާނެ ކަމަށާއި މި މުބާރާތް ކެންސަލްކުރިކަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް އެވެ. އަދި އަންހެން ޗެމްޕިއަނަކީ ރޭންކިންގެ ދެވަނައިގައި އޮތް ސިމޯނާ ހަލެޕް އެވެ.
މުޅި ދުނިޔޭގައި ވެސް ހަލުވިކޮށް ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ޓެނިހުގެ ހަރަކާތްތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން މީގެ ކުރިން ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތްވެސް ވަނީ ފަސްކޮށްފައެވެ. މި މުބާރާތް ކުރިން ތާވަލުކޮށްފައި އޮތީ މެއި މަހުގެ 24 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މިހާރު މި މުބާރާތް ވަނީ ސެޕްޓެމްބަރު މަހުގެ 20 އިން އޮކްޓޯބަރު މަހުގެ 4 އަށް ފަސްކޮށްފައެވެ. މީގެ އިތުރުން ޔޫއެސް އޯޕަން ޓެނިސް މުބާރާތްވެސް ފަސްކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.