ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުންނެވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިވަޑާއިގަންނަވާ ގޮތަށް އަމަލު ކުރެއްވުމަށް ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
ރައްޔިތޔުންގެ މަޖިލީހުން ބުނީ މިހިނގާ މާރޗް 11 އިން 14 އަށް ރައީސް ނަޝީދު އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންފައިވާ ކަމަށެވެ.
އަދި އެމަނިކުފާނު މި ދަތުރުފުޅު ކުރެއްވި އިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް އަންނަ ހުރިހާ ފަރާތްތައް ކޮވިޑް-19 އަށް ޓެސްޓްކުރަން ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ނިންމާފައި ނުވާކަމަށެވެ. އަދި އޭރު އިނގިރޭސިވިލާތާއި ގުޅޭގޮތުން އެފަދަ ޓްރެވަލް އެޑްވައިޒަރީއެއް ނެރުއްވާފައިވެސް ނުވާކަމަށެވެ.
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނެވީ އެޗްޕީއޭއިން އެދިވަޑައިގަންނަވާގޮތަށް އަމަލު ކުރެއްވުމަށް ތައްޔާރަށް ކަމަށް މަޖިލީހުން މަޢުލޫމާތު ދެއެވެ. މަޖިލީހުން މިހެން ބުނެފައިވަނީ ބޭރު ޤައުމުތަކުން ރާއްޖެ އަންނަ ދިވެހިން 14 ދުވަހުގެ ކަރަންޓީންގައި ބައިތިއްބަމުންދާތީ ބައެއް ފަރާތްތަކުން ރައީސް ނަޝީދު ކަރަންޓީން ކުރައްވާ އެމަނިކުފާނު ޓެސްޓް ކުރައްވާފައި ނުވާތީ އެކަމާއި ސުވާލު އުފައްދަން ފަށާފައި ވަނިކޮށެވެ.
ނަމަވެސް ފަތުރުވެރިން ފިޔަވައި ވައިގެ މަގުން ރާއްޖެ އަންނަ ހުރިހާ ފަރާތްތަކެއް 14 ދުވަހު ކަރަންޓީގައި ސަރުކާރުން ކަނޑައަޅާ ތަނެއްގައި ބޭތިއްބުމަށް އެޗްޕީއޭއިން ނިންމާފައި ވަނީ މި ހުސްވި މާރޗް މަހުގެ 22 ގައެވެ.