މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑަރު ޕައުލް ޕޮގްބާ ޔުނައިޓެޑުގައި މަޑުކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޕޮގްބާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި އޭނާގެ ކުރީގެ ކްލަބު އިޓަލީގެ ޔުވެންޓަސް އާއި ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑާއި ފްރާންސްގެ ޕީއެސްޖީ ހިމެނެއެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ އޮފިޝަލަކު ބުނީ ޔުނައިޓެޑުން ޕޮގްބާ ނުވިއްކާނެ ކަމަށާއި، ޕޮގްބާ އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ޕޮގްބާ ޔުނައިޓެޑުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
ނަމަވެސް ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނީ ޕޮގްބާ ކަހަލަ ކުޅުންތެރިޔަކަށް ރެއާލުން ހުށަހެޅުމެއް އައިސްފިނަމަ އޭނާ އެ ހުށަހެޅުމާއި ދެކޮޅު ނުހަދާނެ ކަމަށެވެ.
އަނިޔާއާހެދި މި ސީޒަނުގައި ޕޮގްބާ ޔުނައިޓެޑަށް ކުޅެފައިވަނީ އެންމެ ހަތް މެޗެވެ. އަދި މިހާރުވެސް އޭނާ ކުޅުމުން ދުރުގައި ހުރިއިރު، އޭނާ ކުޅެން ނިކުންނާނެ ތާރީހެއް އަދި ކަށަވަރެއް ނޫނެވެ.
ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 26 އަހަރުގެ ޕޮގްބާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އެޓީމުގައި ހޭދަކުރި ހަތަރު ސީޒަނުގައި ޕޮގްބާ ވަނީ 178 މެޗުން 34 ލަނޑު ޖަހާފައެވެ. އޭގެ ފަހުން އަނެއްކާވެސް ޕޮގްބާ އަނބުރާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު 105 މިލިއަން ޔޫރޯ އަށެވެ. އެކަމަކު ޔުނައިޓެޑަށް ބަދަލުވުމަށްފަހު އެޓީމުގައި އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.