ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ޖަލްސާތައް އޮންލައިންކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށްދާއިރު ނައިފަރު ދާއިރާގެ މެންބަރ އަޙްމަދު ޝިޔާމް ވާހަކަ ދައްކަވަން އިންނެވިތަނުގެ ބެކްގްރައުންޑުން " ފްރީ ޔާމީން" ޕޯސްޓަރ ފެންނަން އިނުމުން ބެކްގްރައުންޑް ފުސްކުރުމަށް ރިޔާސަތުން އަންގަވައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިމާވާނެ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައެޅުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް ޝިޔާމް ބަހުޘްކުރައްވަމުން ގެންދަވަނިކޮށް ވަކި ހިސާބަކުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ޝިޔާމްގެ ބެކްގްރައުންޑް ބްލަރކުރުމަށް އެދިވަޑައިގަންފައެވެ.
ކައުންސެލަރ ޖެނެރަލް އެބަ ނުކުތާއެއް ފާހަގަކުރައްވާ. ބެކްގްރައުންޑް ބްލަރ ކޮށްލައްވާ!!ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
އަދި ބެކްގްރައުންޑް ބްލަރ ކުރުމަށް ކަންކުރަންވީ ގޮތުގެ އިރުޝާދު ރައީސް ނަޝީދު ދެއްވިއެވެ. އެއާއެކު އެގޮތަށް ކަންކުރަމުންދާ ގޮތަށް ވިދާޅުވެ ބެކްގްރައުންޑްގައި މައްސަލައެއް އުޅެނީތޯ ޝިޔާމް ސުވާލުކުރެއްވިއެވެ.
އަޅުގަނޑުގެ ބެކްގްރައުންޑް ގޯހީތޯ؟އަހުމަދު ޝިޔާމް/ ނައިފަރު ދާއިރާ
ޝިޔާމްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެކަމާއި ގުޅޭގޮތުން ކައުންސެލަރ ޖެނެރަލް ނުކުތާ އެއް ފާހަގަކުރައްވާ ކަަމަށެވެ.
މަޖިލީހުގެ ގަވާއިދުގައި ލޯގާއެއް ނިޝާނެއް ޝިއާރެއް ގެންގުޅުން އެއީ ގަވާއިދު ހުއްދަކުރާ ކަމެއް ނޫންކަމަށް. އެހެންވީމާ އެދެން ބެކްގްރައުންޑް ބްލަރކޮށްލަން.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
އެއާއެކު ޝިޔާމް ވަނީ ބެކްގްރައުންޑްގައި ހުރި ތަކެތީގެ ތަފުޞީލު ދެއްވާފައެވެ.
އަޅުގަނޑުގެ ފަހަތުން އެ ފެންނަނީ ސިއްހީ ދާއިރާގެ ބޭފުޅުންނަށް ޝުކުރު އަދާކޮށްފަ އިން އެއް ބެނާ. އަނެއް ބެނާ އަކީ ރާއްޖެއަށް ވަރަށް ހިދުމަތްތެރި ރައީސެއް ދޫކޮށްލުމަށް އެދިި ގޮވާލާފައަހުމަދު ޝިޔާމް/ ނައިފަރު ދާއިރާ
އެއަށްފަހު ޝިޔާމްގެ ފަހަތުން ފެންނަ ބެކްގްރައުންޑް ވަނީ ބްލަރކޮށްފައެވެ.
މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބޭއްވި ޖަލްސާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ޕޯސްޓަރ ގެންގުޅުއްވާ އެކަމަށް މަޖިލީހުގެ ތަޅުމުގައި އަޑުވެސް އުފުއްލަވާފައެވެ. އަދި މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ބޭއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައިވެސް ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ޕޯސްޓަރުތައް އިދިކޮޅު މެންބަރުން ގެންގުޅުއްވާފައިވެއެވެ.