މި ސީޒަނުގެ އެފްއޭ ކަޕް ކެންސަލް ކުރުމުން، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ޓީމުގެ ހައިސިއްޔަތުން ކްލަބު އީގަލްސް އަށް 2021 ވަނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ލިބިއްޖެ އެވެ.
މިއީ އީގަލްސްއަށް އޭޝިއާގެ ދެވަނަ ފަންތީގެ ކްލަބު މުބާރާތުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.
2019/2020 ވަނަ އަހަރުގެ އެފްއޭ ކަޕް ކެންސަލްކުރީ މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ކްލަބުތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އެފްއޭ ކަޕް ކެންސަލް ކުރިއިރު، މީގެ ކުރިން ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅެފައެވެ.
އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގައެއް ލިބޭނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނަށެވެ. އަދި ޕްލޭއޮފްގެ ޖާގަ ލިބޭނީ އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށެވެ. އެކަމަކު މި ސީޒަނުގެ އެފްއޭ ކަޕް ކެންސަލް ކުރުމުން، ލީގުގެ ދެވަނަ ޓީމު ކަމަށްވާ އީގަލްސްއަށް ވަނީ ޕްލޭއޮފްގެ ޖާގައެއް ލިބިފައެވެ. ލީގު ޗެމްޕިއަންކަން ހޯދާ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ހޯދާފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.
އޭއެފްސީ ކަޕުން ކްލަބު އީގަލްސް ފުރަތަމަ ފަހަރަށް ޖާގައެއް ހޯދިއިރު، މި މުބާރާތުގައި މިހާތަނަށް ރާއްޖޭގެ 6 ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު، މާޒިޔާ، ވިކްޓަރީ ސްޕޯޓްސް ކްލަބު، ކްލަބު ވެލެންސިއާ، ވީބީ އައްޑޫ އެފްސީ އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.
އެގޮތުން މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ދެ ޓީމު އަންނަނީ ވާދަކުރަމުންނެވެ. އެއީ މާޒިޔާ އާއި ޓީސީ އެވެ.
އެކަމަކު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން އޭއެފްސީން ވަނީ މާޗު މަހާއި އޭޕްރީލް މަހު އޭއެފްސީ ކަޕްގެ ހުރިހާ ސަރަހަދެއްގައި ކުޅެން ތާވަލުކޮށްފައި ހުރި މެޗުތައް ފަސްކޮށްފައެވެ. ދެން އެ މެޗުތައް ކުޅޭނެ ތާރީޚެއް އޭޕްރީލް މަހަށްފަހު ކަނޑައަޅާނެ ކަމަށް އޭއެފްސީން ވަނީ ބުނެފައެވެ.