ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅު ތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ،ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމު ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މިމައްސަލަ އެމްޑީޕީގެ ޕީޖީގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމެވެ. ކޮވިޑް-19 ފެތުރެމުންދާތީ އެކަމުން ރައްކާތެެރިވުމުގެ ގޮތުން އެންމެން އުޅުން ވީހާވެސް މަދުކުރުމުގެ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާތީ، އޮންލައިން މެދުވެރިކޮށް ކުރިޔަށް ގެންދާ ހޯމަ ދުވަހުގެ ޖަލްސާގައި މިމައްސަލަ ހުށަހަޅުއްވަމުން އަލީ އާޒިމް ވިދާޅުވީ މިއީ، ރައްޔިތުންނާއި ޤައުމުގެ މަޞްލަޙަތު ހިމެނޭ މުހިންމު މައްސަލައެއް ކަމަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ ދަށުން މަޖިލީހުގައި ބަހުޘްކުރުމަށް މިމައްސަލަ ހުށަހަޅުއްވާކަމަށެވެ.
އެގޮތުން، ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅު ތަކުގެ ސަބަބުން މަސައްކަތާއި އާމްދަނީ ގެއްލިފައިވާ މީހުންނަށާއި ވިޔަފާރިތަކަށް އެހީތެރިވެދިނުމުގެ ޕްރޮގުރާމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު 25 މަރޗް ގައި އިޢުލާނުކުރައްވާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން، މައިގަނޑު 7 ކަމެއް ސަރުކާރުން އެކަށައަޅުއްވާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.
މިޕްރޮގުރާމް ހިންގެވުމުގައި، ކޮވިޑް-19 އާއި ގުޅިގެން، ވަޒީފާ ގެއްލޭ ފަރާތްތަކާއި، ދުވަހު މުސާރައަށް އުޅޭ ފަރާތްތަކަށް އުޖޫރައެއް ދިނުމަކީ މުހިންމުކަމެއްކަމަށް ދެކޭކަމަށް އާޒިމް ވިދާޅުވިއެވެ.
ނަމަވެސް އެފަރާތްތަކަށް އުޖޫރަ ދޭންވާނީ، އިޤްތިޞާދަށް ފައިދާވާ ބާވަތުގެ މަސައްކަތެއް ކުރުމަށް އެފަރާތްތަކަށް މަތިކޮށް ، އެފަރާތްތަކުގެ މަސައްކަތުގެ ސަބަބުން އިޤްތިޞާދުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތްތަކަކަށް ރޭވިގެން. މިގޮތުން، މިޙާލަތުގައި ރާއްޖޭގައި ތަރައްޤީކުރެވޭނެ ދާއިރާ ތަކަކީ ކޮބައިތޯ ބަލައި، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި އެދާއިރާ ތަކުގެ މަސައްކަތް ފެށުން މުހިންމު.އަލީ އާޒިމް/ އެމްޑީޕީ ޕީޖީގެ ލީޑަރ
މިގޮތުން މިޙާލަތުގައި މިހާރުވެސް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ދެކަމެއް ފާހަގަ ކުރައްވާ އެ ދެކަންތައް ވަނީ ހުށަހަޅުއްވާފަ އެވެ. އެ ދެކަންތަކަކީ:
1 -ބޮޑެތި ރަށްރަށް ފާހަގަކޮށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ދަނޑުވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ޕްރޮގުރާމުތައް މިރަށްރަށުގައި ހިންގުން؛
2 -މަސްވެރިކަމުގެ ސިނާޢަތަށް ދިނުމަށް ކަނޑައަޅާފައިވާ ޕެކޭޖުގެ ތެރޭގައި މަސް ރައްކާކުރެވޭނެ ގޮތް ހަދައި (މަސް ކައްކައި/ހިއްކައި) ބާޒާރަށް އަދި ދުނިޔޭގެ ބާޒާރަށް ދިވެހި އުފެއްދުންތައް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ޕެކޭޖެއް ހިމެނުން.
މިމައްސަލައަށް މިއަދުގެ ޖަލްސާގައި މެންބަރުން ބަހުޘްކުރެއްވުމަށް ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 67 މެންބަރުންގެ ވޯޓުންނެވެ.