ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 18:42
އެޑިއުކޭޝަން މިނިސްޓްރީ، ދިރާގު
އެޑިއުކޭޝަން މިނިސްޓްރީ، ދިރާގު
ދިރާގު
ދިރާގު
ދިރާގުން 30 ދުވަހަށް ހިލޭ މޮބައިލް ޑޭޓާ ޕެކޭޖެއް ސްކޫލް ކުދިންނާއި ޓީޗަރުންނަށް ދެނީ
ދިރާގުން ވަނީ އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް އިލްތިމާކޮށްފައި
ޑޭޓާ އެލަވަންސްގެ ސަބަބުން ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށް

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކުރުމާއި ގުޅިގެން، ހިލޭ މޮބައިލް ޑޭޓާ ޕެކޭޖެއް ސްކޫލް ކުދިންނާއި ޓީޗަރުންނަށް ދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ މިއީ ދިރާގާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ގުޅިގެން އިންޓަރނެޓްގެ ޒަރިއްޔާއިން ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށެވެ.

މިދުވަސްވަރު ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވުމުން، ގޭގައި ތިބެގެން، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ޚިދުމަތް ދަރިވަރުންނާއި ޓީޗަރުންނަށް މިވަނީ ވަރަށް މުހިންމުވެފައިއެވެ.

އެގޮތުން، މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑޭނެ ހެން، ވަރޗުއަލް ކްލާސްރޫމްތަކާއި، އީ-ލަރނިންގ ފަދަ ރިމޯރޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތަށް ފަސޭހަކަމާއެކު ބޭނުންކުރުން މަގުފަހިކޮށް ކިޔަވާކުދިންނާއި ޓީޗަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ހިލޭ ފޯރުކޮށްދޭ މި 5ޖީބީ މޮބައިލް ޑޭޓާ ޕެކޭޖް 30 ދުވަހުގެ މުއްދަތަށް ދޭން ވަނީ ނިންމާފައިއެވެ.

މި ޑޭޓާ ޕެކޭޖް ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީ އިން ދިރާގަށް ހިއްސާ ކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް، މަމެން އަދި އެހެނިހެން ދިރާގު މޮބައިލް ޚިދުމަތް ގެންގުޅުއްވާ ދަރިވަރުންނާއި ޓީޗަރުންނަށެވެ.

ކޮވިޑް19 އާ ގުޅިގެން ދިރާގުން ދަނީ ރިމޯޓް އެޑިއުކޭޝަން މަގުފަހިކޮށްދިނުމަށް އެކި ގޮތް ގޮތުން މަސައްކަތްކުރަމުންނެވެ. ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭ 30 ދުވަހަހުގެ ހިލޭ ޑޭޓާ އަކީވެސް މިގޮތުން ދިރާގުން ކޮށްދިން އެއްކަންތަކެވެ. މީގެ އިތުރުން، ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓްސް ވަނީ ދީފައިއެވެ. އަދި ހަމައެއާއެކު، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ މާރިޗު މަހުގައި ދީފައިއެވެ. އަދި މި އަންނަ މަހުގައި ވެސް ދޭން ވަނީ ނިންމާފައިއެވެ.

މީގެ އިތުރުން، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުންވެސް %50 ޑިސްކައުންޓް ދީ، ހިލޭ 10ޖީބީ ވެސް ވަނީ ދީފައެވެ.

މި ޑޭޓާ އެލަވަންސްގެ ސަބަބުން ކިޔަވާ ކުދިންނާއި ޓީޗަރުންނަށް އޮންލައިން ކްލާސްރޫމް ހިންގުމުގަށާ، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެކަމަށް އުއްމީދު ކުރާ ކަމަށް ދިރާގުން ބުންޏެވެ. އަދި އިންޓަނެޓްގެ ޚިދުމަތް މިދުވަސްވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުންވެސް ބޭނުން ކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ. ހަމަ އެއާއެކު، ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާގެ ދަށުން ހުރިހާ އެންމެންވެސް އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

ދިރާގުން ބުނީ ކޮވިޑްގެ19 ގެ ބަލިމަޑުކަމާގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލާ، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުން ކަމަށެވެ. ކޮވިޑް19 އާ ގުޅިގެން ދިރާގުން ކުރަމުންދާ ކަންތައްތަކުގެ އިތުރު މައުލޫމާތުވެބްސައިޓުންލިބޭނެ ކަމަށެވެ.

- ކޮމެންޓް