ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 18:03
ފިޔާ
ފިޔާ
މުހައްމަދު ޝަރުހާން
އެސްޓީއޯ
ފިޔާ، އަލުވި އަދި ބިސް ކޮންޓްރޯލްކޮށްގެން އެސްޓީއޯ އިން ވިއްކަން ފަށައިފި
ބާޒާރުގައި މިތަކެތީގެ އަގު ދަނީ އުފުލެމުން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާ، އަލުވި އަދި ބިސް ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މީޑިއާ އޮފިޝަލް އަބްދުﷲ މުޙައްމަދު ވިދާޅުވީ އެސްޓީއޯ އިން އެގޮތަށް ނިންމާފައިވަނީ މި ތަކެތީގެ ޑިމާންޓް މަތިވެގެންދިޔަމުން ހުރިހާ އެންމެންނަށް ވެސް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އަބްދުﷲ މުހައްމަދު ވިދާޅުވީ ކޮންމެ މީހަކަށް ފިޔާ އަދި އަލުވި ވިއްކާނީ އެއްކިލޯ ކަމަށާއި ބިސް ވެސް ވިއްކާނީ މީހަކަށް ޓްރޭއެއް ކަމަށެވެ.

އެސްޓީއޯ އިން މިތަކެތި ވިއްކާ އަގަށް ބަލާއިރު ފިޔާ އަދި އަލުވި ކިލޯއެއް 12 ރުފިޔާއަށް ލިބެންހުރިއިރު ބިހެއް ވިއްކަން ހުރީ 1.50 ލާރިއަށެވެ.

އެސްޓީއޯ އިން މިތަކެތި ކޮންޓްރޯލްކޮށް ވިއްކަން ފަށާފައިވާއިރު ބާޒާރުގައި މިތަކެތީގެ އަގު ދަނީ އުފުލެމުންނެވެ. އެގޮތުން ބާޒާރުގައި ފިޔާ އަދި އަލުވި ކިލޯއެއް 30 ރުފިޔާއަށް ލިބޭއިރު ބިސް ވިއްކަމުން ދަނީ 2.50 ރުފިޔާ އާއި އާއި 3 ރުފިޔާ ދެމެދުގެ އަގެއްގައެވެ.

ދާދި ފަހުން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ބަރުކޮށްގެން ގެނައި 500 މެޓްރިކް ޓަނުގެ ހަކުރު އަދި 993 މެޓްރިކް ޓަނުގެ ހަނޑޫ ވަނީ ރާއްޖެއަށް ގެނެސްފައެވެ. އަދި އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާ 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމަންޓެއް ރާއްޖެ އައުމުގެ މަގުމަތީގައިވާކަމަށް އިންޑިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

- ކޮމެންޓް