ފާއިތުވި އަހަރު ރައްޔިތުގެ އެންމެ ބޮޑު ޝަކުވާއަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ކުރިއަށްދާ މިންވަރު ނޭނގެ ކަމުގެ ޝަކުވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުމާއި ގުޅިގެން އާދިއްތަ ދުވަހު ދެއްވި ޚިތާބުގައެވެ.
ސީޕީ ވިދާޅުވީ ރައްޔިތުންގެ މި ކަންބޮޑުވުމަށް ގެނެވުނު ހައްލެއްގެ ގޮތުން މައްސަލަ ހުށަހަޅާ ފަރާތަށް މައުލޫމާތު ހިއްސާކުރުމަށް ކުރިން ހަމަޖެހިފައި އޮތް އުސޫލުތައް ބަދަލުކޮށް، ތަހުޤީގުތަކުގައި ފުރިހަމަކުރަންޖެހޭ މައިގަނޑު ކަންކަން ފުރިހަމަ ކުރަންޖެހޭ މުއްދަތު ކަނޑައެޅި އެކަންކަން ފުރިހަމަވަމުންދާ ގޮތުގެ އަޕްޑޭޓް އެސްއެމްއެސްގެ ޒަރިއްޔާއިން ހުށަހެޅި ފަރާތަށް ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އަދި އަނިޔާލިބޭ ފަރާތްތަކައް ދޭންޖެހޭ ރައްކާތެރިކަމާއި އެހީތެރިކަން ދިނުމަށްޓަކައި ވިކްޓިމް ސަޕޯޓް މެކޭނިޒަމް އިތުރަށް ތަރައްޤީ ކުރެވިފައިވާ ކަމަށެވެ. ސީޕީ ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް ޒަމާނީ ކުރުމަކީ ސްޓްރެޓީޖިކް ޕްލޭންގެ އެއް އަސާސް ކަމަށާއި އޮންލައިން ނިޒާމެއްގެ ތެރެއިން ފުލުހުންނަށް މައްސަލަ ހުށަހެޅުމާއި ޕޮލިސް ސެޓިފިކެޓަށް އެދި ހުށަހެޅުމާއި ސެޓްފިކެޓް ރައްދުކޮށްދިނުމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސާ އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
އަދި ސީސީޓީވީ ކެމެރާގެ ވިއުގައި މާލެ ސަރަހައްދާއި އަތޮޅުތެރޭގައިވެސް ފުޅާކޮށް ބޮޑީ ވޯން ކެމެރާ ބޭނުންކުރުންފަދަ ޓެކްނޮލޮޖީތަކުގެ ބޭނުން ހިފައި ފުލުހުންގެ މަސައްކަތަށް މިހާރަށްވުރެ ޕްރޮފެޝަނަލް ކޮށް ޖަވާބުދާރީވުން އިތުރުކޮށް ފުލުހުންގެ ކިބައިގައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުކުރެވިފައިވާ ކަން ސީޕީ ފާހަގަ ކުރެއްވިއެވެ.
އިތުރަށް ސީޕީ ވިދާޅުވީ ފުލުހުންގެ އަހަރީ ދުވަސް ބައްދަލުވެފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޞިއްޙީ ނުރައްކަލުގެ ޙާލަތު އިއުލާން ކުރެވިފައިވާ ދަނޑިވަޅެއްގައި ކަމަށާއި މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި ދިވެހި ފުލުހުން ދެމިތިބޭނެ ކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވާކަމަށެވެ.
އަދި މި ދަތި އުނގޫ ވަގުތުގައި ވެސް އެޗްޕީއޭއިން އަންގަވާ އެންގެވުންތަކާއި ޞިއްޙީ ޚިދުމަތްތެރިން ދެއްވާ އިރުޝާދުތަކައް ހުރިހާ ރައްޔިތުންވެސް އިހުތިރާމުކޮށް އެގޮތުގެ މަތިން އަމަލު ކުރާނެކަމަށް އުންމީދުކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ނިމިދިޔަ އަހަރަކީ ފުލުހުންގެ ޚިދުމަތާއި މެދު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.