ކ. މާލެ
|
28 މާރޗް 2020 | ހޮނިހިރު 22:35
މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް
މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް
ގެޓީ އިމޭޖަސް
ކޮވިޑް-19
ސިޓީގެ އިއްތިހާދު ސްޓޭޑިއަމް ނެޝަނަލް ހެލްތު ސާވިސަސްއަށް
މެންޗެސްޓާ ސިޓީން ވަނީ ނެޝަނަލް ހެލްތު ސާވިސަސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި

އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް އެ ގައުމުގެ ނެޝަނަލް ހެލްތު ސާވިސަސްއަށް ދީފިއެވެ.

މެންޗެސްޓާ ސިޓީން ނެޝަނަލް ހެލްތު ސާވިސަސްއަށް އެ ޓީމުގެ ދަނޑު ދިނީ، މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ނެޝަނަލް ހެލްތު ސާވިސަސް އިން އެހީތެރިވުމުގެ ގޮތުންނެވެ. ސިޓީން ނެޝަނަލް ހެލްތު ސާވިސަސް އާއެކު އެއްބަސްވުމެއްގައި ސޮއިކުރިއިރު، ކޮވިޑް-19 އިން ސަލާމަތްވަންދެން ނެޝަނަލް ހެލްތު ސާވިސަސްއަށް އިއްތިހާދު ސްޓޭޑިއަމް ބޭނުންކުރެވޭނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ނެޝަނަލް ހެލްތު ސާވިސަސް އިން އެންމެ ފުރަތަމަ އިއްތިހާދު ސްޓޭޑިއަމް ބޭނުންކުރާނީ، ކޮވިޑް-19 ގެ ކަންކަމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ މީހުން ތަމްރީނުކުރުމަށެވެ.

މެންޗެސްޓާ ސިޓީން ނެޝަނަލް ހެލްތު ސާވިސަސްއަށް އެ ޓީމުގެ ދަނޑު ދިންއިރު، މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ވަޓްފޯޑުން ވަނީ އެޓީމުގެ ދަނޑު ނެޝަނަލް ހެލްތު ސާވިސަސްއަށް ދޭން ހުށަހަޅާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތުގެ ދިރިއުޅޭ އާންމު ރައްޔިތުން ގެއިން ބޭރަށް ނުދިޔުމަށް އިލްތިމާސްކޮށް ދާދި ފަހުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ވަނީ އޭޕްރީލް 30 ގެ ނިޔަލަށް މެދުކަނޑާލާފައެވެ. އަދި އިންގްލެންޑުގެ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ޕޯޓްސްމަތުގެ ހަތަރު ކުޅުންތެރިއަކުވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. މީގެ ކުރިން މި ވައިރަހަށް ޕޮޒިޓިވްވި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ވަނީ ރަނގަޅުވެފައެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 17،089 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި މި ބަލީގައި އެގައުމުން 1،109 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް