Advertisement
ކ. މާލެ
|
29 މާރޗް 2017 | ބުދަ 22:06
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް
ރާއްޖެއެމްވީ
ނާޒިމް ޖަލަށް ގެންދިއުން
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި
ޖަލަށް ގެންދިޔައީ ކުރިން އެންގުމަކާ ނުލައި
ނާޒިމް ގޭ ބަންދަށް ބަދަލުކުރީ އޭޕްރީލް 4، 2016 ގައި
ނާޒިމް މިނިވަންކުރަން އދ. އިން ވަނީ ގޮވާލާފައި

ރައީސް ޔާމީނާއި އިދިކޮޅު ހުރިހާ ޕާޓީތަކާއި ސިޔާސީ ވެރިން އެއް ގަލަކަށް އަރައި، އިސްލާހީ ހަރަކާތްތައް ފެށުމާއެކު، ކުއްލި ގޮތަކަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރުކޮށް ގެންގުޅުނު މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދާ ނާޒިމް، ގޭ ބަނދުގައި ބަހައްޓާފައި ހުންނަތާ ގާތްގަނޑަކަށް އެއް އަހަރު ފަހުން، އަލުން އަނބުރާ ޖަލަށް ގެންދިޔައީ ބުދަ ދުވަހު މެންދުރުއެވެ. ނާޒިމް ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ހިންމަފުށީ ޖަލު މަރާމާތު ކުރާ ކަމަށް ބުނެ، އޭޕްރީލް 4، 2016 ގަ އެވެ.

ނާޒިމް ދިރިއުޅުއްވަމުން ގެންދެވި މ. ސީނުކަރަންކާގެއަށް ނާޒިމް ބަލައި، ކަރެކްޝަނުން ދިޔައިރު، އެސްއޯ ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި އެވެ.

ނާޒިމް އާއިލާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި، ނާޒިމް ޖަލަށް ގެންދާ ކަމެއް ކުރިން އަންގާފައެއް ނެތެވެ.

"އަޅުގަނޑުމެންނަށް ވެސް އެނގުނީ ކުއްލިއަކަށް ކަރެކްޝަނުން އައިސް ޖަލަށް ގެންދަން ބޭނުންވާ ކަމަށް ބުނުމުން،" އޭނާ ވިދާޅުވި އެވެ.

ނާޒިމުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއިދުކޮށްފައިވާއިރު، އެ މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލީ ހައިކޯޓްގެ ހުކުމަށް ތާއިދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމުން ހުކުމް އިސްތިއުނާފުކޮށް ސަލާމަތްވާން ހުރި ހުރިހާ ދޮރުތަކެއް ނާޒިމް އަށް ބަންދުވި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއާ ގުޅިގެން ނާޒިމްގެ އާއިލާއިން ވަނީ އެ މައްސަލަ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުށަހަޅާފަ އެވެ. އދ. އިން ނިންމާފައިވަނީ ނާޒިމް މިނިވަންކުރަން ގޮވާލާފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް