މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމަކީ އިނގިރޭސިވިލާތެވެ. އެ ޤައުމުން މިހާރު ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 17،000 އަށްވުރެ އިތުރުވެފައިވާއިރު، މަރުވި މީހުންގެ އަދަދު ހޮނިހިރު ދުވަހު ވަނީ ހާހަކަށްވުރެ އިތުރުވެފައެވެ. އެގޮތުން 5 މާރޗުން ފެށިގެން އެ ޤައުމުން ވައިރަސް ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ކޮންމެ 3 ދުވަހަކުން ކޭސްތަކުގެ އަދަދު ދެގުނަވަމުން އަންނަކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
މިފަދަ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ބިރުވެރިކަންވެސް އިތުރުވެފައިވާއިރު، ޚާއްސަކޮށް ވައިރަސް ހަލުވި މިނެއްގައި ފެތުރެމުންދާ ޤައުމުތަކުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުން ތަޙައްމަލު ކުރާނެ ބިރުވެރިކަން އޭގެ އެތައް ގުނައަކަށް އިތުރުވާނެކަން އަންދާޒާ ކުރެވެއެވެ. މިފަހަރުވެސް ދައްކަން އޮތީ އެފަދަ ފަރާތެއްގެ ވާހަކައެވެ.
ޔޫކޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރެއް ކަމަށްވާ މުހައްމަދު ރަޒީމް ޔޫކޭގައި ދިރިއުޅުއްވަމުން ގެންދަވަނީ އަނބިކަނބަލުންނާއި، އުމުރުން 8 އަހަރުގެ ފިރިހެން ދަރިފުޅާއެކުގައެވެ. އެގޮތުން 10 މާރޗުން ފެށިގެން ހޮސްޕިޓަލުގައި ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދެއްވަމުން ގެންދަވާއިރު، މި ވައިރަސް ފެތުރިގެންދާ ހަލުވި މިނާއި ވައިރަސްގެ ނުރައްކާތެރިކަން އޭރުވެސް އަންދާޒާ ކުރެވުނުކަމަށް "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވިއެވެ.
އަމިއްލަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރި ނަމަވެސް އޭރުވެސް އެނގުނު ފަހުން ނަމަވެސް މި ވައިރަސްގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެކަން، އެއީ މިއީ އެހައިވެސް އަވަހަށް ފެތުރެމުން އައި ވައިރަސްއަކަށްވާތީ.ޑޮކްޓަރ މުހައްމަދު ރަޒީމް
ޑޮކްޓަރެއްގެ ހައިސިއްޔަތުން އެހިސާބުން އަމިއްލަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންފެށިކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ކޮވިޑް-19 ގެ ބަލިމީހުން ގާތު މަސައްކަތް ކުރަން ޖެހޭތީ ގޭގެ ގެސްޓް ރޫމްގައި ސެލްފް އައިސޮލޭޓް ކުރައްވައި، އަނބިކަނބަލުންނާއި ދަރިފުޅާ ވަކިން އުޅެން ފެށިއެވެ. އަދި އެކުގައި ހޭދަކުރާ ވަގުތުތައް ވީހާވެސް މަދުކުރުމަށް މަސައްކަތް ކުރެއްވިއިރު، އެއީ ހިތްދަތި ތަޖުރިބާއެއްގެ ގޮތުގައި ޑޮކްޓަރ ސިފަކުރެއްވިއެވެ.
ކޮވިޑް-19 ގެ ބިރުވެރިކަމުގެ ތެރޭގައި އުޅުއްވަނިކޮށް އެންމެ ފަހުން ޑޮކްޓަރުގެ އަނބިކަނބަލުން ކިބައިންވެސް ބަލީގެ އަލާމަތްތައް ފެންނަން ފެށިއެވެ. އެގޮތުން ލޮލުގައި ރިއްސުމާއި، ހުން އައުމާއި، ކެއްސުމުގެ އިތުރުން ގައިގައި ރިއްސުންފަދަ އަލާމަތްތައް ފެންނަން ފެށުމުން އެއީ ކޮރޯނާވައިރަސްއަށް ވެދާނެކަމަށް ޝައްކު ކުރެވުނުކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އެހިސާބުން އެތަނުގެ ސިއްހީ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ހޮސްޕިޓަލުގެ ހެލްޕްލައިންއަށް ގުޅުމުން ގޭގައި އައިސޮލޭޓްވުމަށް އެންގިއެވެ. އަނބިކަނބަލުންގެ ޓެސްޓު ހެދިއިރު ޕޮޒިޓިވްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަހަރެންނަށްވެސް އެންގީ ގޭގައި 14 ދުވަސް ވަންދެން ސެލްފް އައިސޮލޭޓް ކުރުމަށް، މަސައްކަތުގެ ޕްރޮޓޮކޯލް ބުނާގޮތުން ގެއެއްގެ އެކެއްގެ ފަރާތުން ބަލީގެ އަލާމަތްތައް ފެނުނު ނަމަވެސް ގޭގައި ދިރިއުޅޭ އެންމެންވެސް 14 ދުވަހު ސެލްފް އައިސޮލޭޝަނަށް ދާން ޖެހޭ، އޭގެ މާނައަކީ އަހަރެންނަށްވެސް 14 ދުވަސް ވަންދެން މަސައްކަތަށް ނުނިކުމެވޭނޭ.ޑޮކްޓަރ މުހައްމަދު ރަޒީމް
އިނގިރޭސިވިލާތުގައި ޑޮކްޓަރުންނާއި ނަރުހުން ޓެސްޓު ކުރުމުގެ ވަކި ޚާއްސަ ޕޮލިސީއެއް އޭރު ނެތްކަން ފާހަގަކުރައްވައި ޑޮކްޓަރ ވިދާޅުވީ، ހޮސްޕިޓަލުގެ ސްޓާފުންވެސް މަދުވުމާއެކު މެނޭޖްމަންޓުގެ އެހީގައި އަނބިކަނބަލުންގެ ޓެސްޓު ހެއްދެވީ ނެގެޓިވްވެއްޖެނަމަ އަވަހަށް މަސައްކަތަށް ނުކުމެވޭނެކަމުގެ ފޮނި އުއްމީދާއެކުއެވެ. ނަމަވެސް މެނޭޖަރު އަމިއްލަފުޅަށް ގުޅުއްވައި ދެއްވި ޚަބަރަކީ އަނބިކަނބަލުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމުގެ ޚަބަރެވެ.
މިހާރު ޑޮކްޓަރުވެސް 6 އޭޕްރީލްގެ ނިޔަލަށް ސެލްފް އައިސޮލޭޝަންގައި ހުންނެވިއިރު، ޑޮކްޓަރުގެ ކިބައިން ވައިރަސް ނުފެންނަނަމަ 7 އޭޕްރީލްގައި މަސައްކަތަށް ނުކުތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މުއްދަތުގައި ގޭގައި އޮންލައިންކޮށް ކްލިނިކަލް ޚިދުމަތްތައް ދެއްވުމަށް ހަމަޖެހިފައިވާކަމަށް ޑޮކްޓަރ ރަޒީމް ވިދާޅުވިއެވެ.
އެގޮތުން މިހާރު އޮންލައިންކޮށް މަސައްކަތް ކުރައްވާ ތަނުގެ ސާރވަރ އާއި ގުޅާލެވި، "ވާރޗުއަލް ޓެލެފޯން ކްލިނިކް" އެއް ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
8 އަހަރުގެ ދަރިފުޅާމެދު އިތުރަށް ސަމާލުވެ، ވީހާވެސް ދުރުން އުޅެން ޖެހިފައި!
މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ހިތްދަތި އެއް ކަމެއްގެ ގޮތުގައި ޑރ ފާހަގަކުރެއްވީ އަނބިކަނބަލުންވެސް ޕޮޒިޓިވްވެ، ދެމަފިރިންވެސް މިހާރު ސެލްފް އައިސޮލޭޝަންގައި ހުންނެވުމާއެކު ދަރިފުޅާ ވީހާވެސް ދުރުގައި އުޅުމަށް ކުރަމުންދާ މަސައްކަތްތަކެވެ. އެގޮތުން ދަރިފުޅުގެ ހާލު ރަނގަޅު ނަމަވެސް ވީހާވެސް "ފިޒިކަލް ކޮންޓެކްޓިންގ" މަދު ކުރުމަށް ސަމާލުކަން ދެއްވަމުން ގެންދަވާއިރު، ލޯބިން ގާތްކޮށްލާ ކުރުން އެ ކުޑަ ދަރިފުޅު އަމިއްލައަށްވެސް "މިސް"ވެގެން އުޅޭކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.
ޑޮކްޓަރ ވިދާޅުވީ، އެފަދަ ޙާލަތަކަށް ކުރިންވެސް ތައްޔާރުވެ ތިއްބެވި ކަމަށާއި، ގެއަށް ބޭނުންވާ ސާމާނުވެސް ކުރީބައިގައި ގަނެފައިވާ ކަމަށެވެ. އަދި ގޭގައި ސެލްފް އައިސޮލޭޝަންގައި އުޅުއްވާ ވަގުތުތައް ވީހާވެސް ރަނގަޅު ގޮތުގައި ހޭދަކުރުމަށާއި، ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ގަސް އިންދުމާއި، އެފަދަ "ޕްރޮޑަކްޓިވް" ހަރަކާތްތަކަށް ހުސްކޮށްފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
ކޮންމެއަކަސް ޑޮކްޓަރު މި ޙާލަތުގައި ހިތްވަރާއެކު އާއިލާއާއެކު މިކަންކަމާ ކުރިމަތިލައްވަމުން ގެންދަވާއިރު، ރާއްޖޭގެ ރައްޔިތުންނަށްވެސް ޚާއްސަ މެސެޖެއް ވަނީ ދެއްވާފައެވެ.
މިއީ ނުރައްކާތެރި ވައިރަސްއެއް، އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ގޭގައި ސެލްފް އައިސޮލޭޓް ކޮށް އަވަހަށް ފަރުވާ ހޯދާ، އަދި ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަށް ބޯލަނބާ، ކުޑަކުޑަ ވައިރަސްއެއް މިވަނީ ބޮޑެތި ބާރުތައްވެސް ނިކަމެތިކޮށްލާފައި، މިކަމުން ފިލާވަޅު ލިބިގަންނަން ޖެހޭ، އެކަކު އަނެކަކަށް އޯގާތެރިވެ އަޅާލުމުގެ އިތުރުން ﷲ އަށް ދުއާކުރައްވާޑޮކްޓަރ މުހައްމަދު ރަޒީމް
ޑޮކްޓަރ ރަޒީމް ވިދާޅުވީ، ރާއްޖެއިން މި ބަލިމަޑުކަމާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ޙައްޤު ކަމަށެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި، މިނިސްޓްރީގެ އިތުރުން، ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖޭގައި މި ވައިރަސް ފެތުރުނަނުދީ ކޮންޓްރޯލް ކުރެވެމުން ދިއުމުގެ އެއް ސަބަބުކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، ޔޫކޭގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ރަޖިސްޓްރޭޝަން ފަށާފައިވާކަމަށާއި، އެފަރާތްތަކާ ގުޅިގެން މުއާމަލާތްތައް ކުރައްވަމުން ގެންދަވާނެކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.
ޑޮކްޓަރ ރަޒީމްގެ އުއްމީދަކީވެސް މި ވައިރަސްއާމެދު ހޭލުންތެރިކަން އިތުރުކޮށް، ވީހާވެސް އަވަހަށް މި ބަލިމަޑުކަމުން އަރައިގަތުމެވެ.