ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެެއިން އިތުރުން ދެ މީހަކު ރަނގަޅުވެއްޖެ އެވެ.
އެކަން ހާމަކުރެއްވީ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަނުން ހޮނިހިރު ދުވަހުގެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ބަލިން ރަނގަޅުވީ ކޮން ގައުމެއްގެ ބަޔަކު ކަމެއް ހާމައެއް ނުކުރެއެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހެއްގެ ބަލި ވަނީ ފަސޭހަވެފައެވެ. މިހާރު ފަރުވާދެމުންދަނީ ތިން މީހަކަށެވެ.
ހުކުރު ދުވަހާ ހަމަޔަށް ރާއްޖޭގައި ކޮވިޑް-19 އަށް 16 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެއަށް އަނބުރާ އައި ދިވެއްސަކުވެސް ހިމެނޭއެވެ. އެމީހާ އަކީ 38 އަހަރުގެ ދިވެއްސެކެވެ.
އެންމެ ފަހުން ރިޕޯޓްކުރި ތިން ކޭސްގެ ތެރޭގައި، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އިޓަލީ އަށް އަނބުރާ ފޮނުވާލެވުނު ދެ މީހަކު ހިމެނެއެވެ. އެންއީއޯސީން މައުލޫމާތު ދީފައިވާ ގޮތުގައި އެ ދެ މީހުން ވެސް ރާއްޖެއިން ފުރުވާލާފައި ވަނީ، 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށް ފަހުގައެވެ.
އެމީހުން ފުރުމުގެ ކުރިން އޮތީ އެ ދެ މީހުންގެ ސާމްޕަލް ނަގާފައެވެ. ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ އެމީހުން އިޓަލީ އަށް ދަތުރުކުރަމުން ދަނިކޮށެވެ. 300 އަށް ވުރެ ގިނަ މީހުން ދަތުރުކުރަމުން ދިޔަ ފްލައިޓް ވަނީ މިހާރު ރަޝިޔާގައި ކަރަންޓީނު ކޮށްފައެވެ.