ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖެއިންވެސް ފެންނަމުންދާތީ މާލޭގެ މަގުތަށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހުވެސް ކުރިއަށް ގެންގޮސްފިއެވެ.
މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފްއާއި މާލެ ސިޓީ ކައުންސިލުން ގުޅިގެންނެވެ. އެގޮތުން މިދިޔަ ހަފްތާގައިވެސް މާލޭގެ ބައެއް މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކޮށްފައި ވެއެވެ.
މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މައިގަނޑު މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއިން އެތަނުގެ ވެހިކަލްތައް ބޭނުން ކޮށްގެންގެނެވެ.
މި ޕްރޮގްރާމަކީ މުޅި މާލެ ޑިސްއިންފެކްޓް ކުރުމުގެ ތެރެއިން މާލޭގެ މަގުތަކަށް ކްލޮރިން ޖަހައިގެން ސާފުކުރަން ހިންގާ ހަރަކާތެކެވެ.
މާލޭގެ މަގުތައް ސާފުކުރުން ފެށިގެން މިހާރު ކުރިޔަށް ދާއިރު މިކަމާއި ގުޅޭ ތަފުސީލުތައް ހިއްސާކުރަމުން މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެފައިވަނީ، މިވަގުތު 2 ކަމެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ ހުރިހާ ސަރަހައްދެއް ފެންޖަހައި ސާފުކުރުމާއި ގިނައިން ކުނި ޖަމާވެފައި ނުނަގައި ގިނަ ދުވަސްވެފައިވާ ތަންތަން ސާފުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ޝިފާ ވިދާޅުވެފައިވަނީ، މި މަސައްކަތުގެ ތެރެއިން ގެތައް ކައިރީ ޖަހާފައި ހުންނަ ޕެލެޓްތައް ނެގުމަށްފަހު ސާފުކުރާނެކަމަށެވެ.
ޝިފާ ވިދާޅުވެފައިވަނީ، މަގުތަށް ސާފުކުރުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ލަފާދިފައިވާ މިންގަނޑަށް ކްލޮރިން ޖަހާނެކަމަށާއި މިކަމުން އެއްވެސް އުޅަނދަކަށް ގެއްލުން ނުވާނެކަމަށެވެ. އަދި މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކޮށް މަގުމައްޗަށް ކުނި އުކާނުލުމަށް ޝިފާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މާލޭގެ އިތުރުން ހުޅުމާލެއާއި ވިލިމާލެ އަދި ބައެއް ސިޓީތަކާއި ރަށްތަކުގައި ވެސް ޑިސްއިންފެކްޓް ކުރުމުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.