ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން މިވަނީ އިންސާނުންގެ ދިރިއުޅުމައް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އުފަލާ ހިތްހަމަޖެހުމަށް ކުރަމުންއައި އެތައް ކަމަކުން މަހްރޫމްވެފައެވެ. ދިރިއުޅުމަށް ކުރަމުންއައި މަސައްކަތްތަކާ ދުރުވާން ޖެހިފައެވެ. މި ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތްވުމަށް މުޅިދުނިޔެ މިދަނީ އެއްވާނަކަށް މަސައްކަތް ކުރަމުންނެވެ. ކޮންމެ ގައުމެއްގައިވެސް އެގައުމުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ.
ހަމަ މިބީދައިން މި ކުޑަކުޑަ ރާއްޖެވެސް މިވަނީ މި ބިރުވެރިކަން ތަހައްމަލު ކުރަން ޖެހިފައެވެ. ކޮވިޑް-19 އިން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް މިއަދު ސަރުކާރުން މިވަނީ ވަރަށް މުހިއްމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިވަގުތު މިވަނީ ސްކޫލްތައްވެސް ބަންދުކޮށްފައެވެ. ސަރުކާރު މުވައްޒަފުން ގޭގައި މަޑުކުރުމަށް އަންގާފައެވެ. ހޮޓާތަކާ ކެފޭތައްވެސް ބަންދުކޮށްފައެވެ. ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްވެސް މީހަކު ގެއިންބޭރަށް ނުނިކުތުމަށް އަންގާފައެވެ. ނަމަވެސް މި ހުރިހާ ކަމެއްގެ ސަބަބުން އެއްކަމެއް ދަސްވެއްޖެކަމަށް ގިނަ ބަޔަކު ބުނެއެވެ. އެއީ އާއިލާއާ އެކު ހޭދަކުރެވޭ ވަގުތުތަކުގެ މުހިއްމުކަން ކަމަށް ބުނެ ބައެއް ފަރާތްތަކުން މިވަނީ ދިވެހިން "ގޭބަންދެއްގައި" ކަހަލަ ގޮތަކަށް ތިބެން ޖެހިފައިވާ މި ޙާލަތުގައި ދިރިއުޅުމަށް އައި ބައެއް ބަދަލުތަކުގެ ވާހަކަ ހިއްސާކޮށްފައެވެ.
މިކަމުގައި ގިނަ އަންހެނުން ބުނަނީ ގެއިން ބޭރުގައި ފިރިމީހާ ހޭދަކުރާ ވަގުތުގެ "ސާމްޕަލް" އެއް މިހާރު ގޭގެ ހަތަރު ފާރުން އެތެރޭގައި ފެންނަ ކަމަށެވެ. މިހާރު ގޭގައި ދުވާލަކު ހައެއް ނުވަތަ އަށް ކޮފީ ބޯއިރު، ފިރިމީހާ މިވަރަށް ބޭރުތެރޭގައި ވެސް ކޮފީއަށް ޚަރަދުކުރާނެކަން މިއަދު އިހުސާސްވެއްޖެ ކަމަށެވެ.
އަދި ފިރިމީހާ ގޭގައި ހުންނައިރު ފޯނުގައި ހުރެ ރައްޓެހިންނާ ދައްކާ ވާހަކައިން ގިނަ ފަހަރު ކޮފީތަކަށް އަރަނީވެސް ރައްޓެހިންނާއެކު ގްރޫޕު ހަދާފައިކަން އެނގޭއިރު، ކޮފީތަކަށް ދާ ބޮޑު ޚަރަދު މިއަދު ސަލާމަތް ކުރެވިފައިވާކަމަށް އެ ދެމަފިރިން ފާހަގަކުރެއެވެ.
ޔަގީން މީގެން ކޮންމެފަހަރަކު 80 ރުފިޔާ ދާނެކަން, އަދި ގިނަ ފަހަރު ދާނީވެސް ރައްޓެހިންނާއެކު ގްރޫޕް ހަދާލާފައި، އެކަމަކު އަހަރެން ދެ ދުވަހުން އެއްދުވަހު ޕެކެޓް ކޮފީއެއް ގަނެލަން ބުނީމަ ބުނީ އެހާ ގިނައިން ކޮފީ ބޯކަށް ނުވާނޭ،~ ރާއްޖެއެމްވީއަށް މައުލޫމާތު ހިއްސާކުރި ފަރާތެއް
ދެން ފާހަގަކުރި އަނެއް ކަމަކީ މީގެކުރިން އާއިލާޔާއި އެކު ގޭގައި އެއް ސުފުރާމަތިން ފެންނާނީ ހުކުރުދުވަހު އެކަނި ކަމަށާއި، އެހެނިހެން ދުވަސްތަކުގައި ގެއަށް ވަދެ ކާލާނީވެސް މަދު ފަހަރަކު ކަމަށެވެ. ނަމަވެސް މިއަދު ކާ ގަޑިތަކުގައި ސުފުރާމަތި އާއިލާގެ މެމްބަރުންނާއެކު ފަޅުފިލުވާލެވޭކަަމަށް ގިނަ އަންހެނުން އުފަލާއެކު ފާހަގަކުރެއެވެ.
ހީކުރީ ފިރިމީހާ އަކީ ވަރައް މަދުން ކާމީހެއްކަމަށް. ނަމަވެސް މިހާރު އޭނަ ތިން އިރު ކާތަންފެނޭ. އަދި ނުވިތާކަށް ކޮންމެ ދުވަހަކު ހަވީރު ސައިވެސް ބޮއެ، މިހާރު އަހަރެންވެސް އުފާވޭ ފިރިމީހާ 3 އިރު ގެއިން ކާތީ~ ރާއްޖެއެމްވީއަށް މައުލޫމާތު ހިއްސާކުރި ފަރާތެއް
ދެން އޮތީ ފޯނަށް އަންނަ ކޯލްތަކުގެ ވާހަކައެވެ. އެގޮތުން މިހާރު ފަހަރަކު މީހަކު ގުޅާފައި ކޮފީއެއް ބޯލަން ނުދެވޭތީ އެވާހަކަ ނުދައްކާ އެންމެ ދުވަހެއްވެސް ނުދާނެކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ބުނާތީ އަޑުއަހަން އަންހެނުންނޭ ޗުކުޗުކު ލައްވާނީ، މީސްމީހުންގެ މަސްކާނީ! މަގޭ ފިރިމީހާވެސް ހަމަ ހޭވައްޓާލާފަ ފޯނުގަ ހުރެ އޮފީސްމީހުންގެ މަސްކަނީ. ކީއްދޯކުރާނީ؟ އެއްމެ ފަހަރަކު ޝަކުވާއެއް ކޮއްލި ދުވަހު ބުނީ މީސްމީހުންގެ ވާހަކަދެއްކުމަކީ ވަރަށް ހަޑިކަމެކޭ، ހަމަ ފިރިހެނަކުވެސް މީހަކުނެއް ތާކު އެމީހެއްގެ ވާހަކަދެއްކުމަކީ މަސްކެއުމެއްނޫންތަ؟~ ރާއްޖެއެމްވީއަށް މައުލޫމާތު ހިއްސާކުރި ފަރާތެއް
މިހުރިހާ ކަމެއްގެ ތެރެއިންވެސް މިވާހަކަތައް ހިއްސާކުރި ގިނަ މީހުން ބުނަނީ ފިރިމީހާގެ ހެޔޮކަމާ ވަފާތެރިކަންވެސް މިހާރު ފެނިގެން ގޮސްފި ކަމަށެވެ. އެގޮތުން ފިރިމީހާއާ އެކުގައި ވަގުތު ހޭދަކުރާ ވަރަކަށް ހިތުގައި ހުންނަ ޝައްކުތައް ދުރުކޮށްދީ ފިރިމީހާއާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާކަމަށް އެންމެންވެސް ފާހަގަކުރެއެވެ.
އޭގެ މިސާލެއްގެ ގޮތުން ފާހަގަކުރި އެއްކަމަކީ ފިރިމީހާގެ ފޯނަށް އަންނަ ކޯލްތަކުގެ ވާހަކައެވެ.
މީގެ ކުރިން ފިރިމީހާގެ ފޯނަށް ގުޅުމުން ވަރަށް އެންގޭޖްވާނެ ހުންނާނެ ޝަކުވާވެސް ކުރެވިފަ. މިހާރު ފިރިމީހާގެ ފޯނު ގިނަވަގުތު އޮނަނަނީގޭ މޭޒުމަތީ އެޔަކައް އަހަރެން ހީކުރިކަހަލަ ފޯނެއް ނާދޭ~ ރާއްޖެއެމްވީއަށް މައުލޫމާތު ހިއްސާކުރި ފަރާތެއް
ބައެއް އަންހެނުން ފާހަގަކުރި އަނެއް ކަމަކީ މިގޮތަށް ގޭގައި ގިނަވަގުތު ހޭދަކުރަން ފެށުމާއެކު ގޭގައި މަރާމާތުކުރަން ހުރި ބައެއް ކަންކަން މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ގޭގައި ބޭނުން ކުރަމުން އައި ތަށިތައް ހަޑިކަމުން ތަށިތައްވެސް އާކޮށްދީފައިވާއިރު، ބަދިގެ ސާމާނުތައްވެސް އާވެއްޖެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ގޭތެރޭގެ ކަންކަމުގައި ދެމަފިރިން ޝާމިލުވެ އެކަންކަމުގައި ދެމަފިރިން ހިއްސާވުމުގެ އިތުރުން، ބަދިގޭގައި ކެއްކުމުގެ ކަންތައް ކުރަމުންދާ ވަގުތު އަތްގާތް ކޮށްލަދީ ދަރިންނާއެކު ގިނަވަގުތު މަޖަލުގައި ހޭދަކުރާކަންވެސް ބައެއް އަންހެނުން އުފަލާއެކު ފާހަގަކުރިއެވެ.
"އެންމެ އުފާވީ ފަސްވަގުތު ނަމާދުކުރާތަންފެނުމުން ، މިކަންކަމުން އަހަންނަށް ދޭހަވަނީ ދެމީހުންވެސް ދެމީހުނަށް ވަގުތުދޭންޖެހޭކަން."~ ރާއްޖެއެމްވީއަށް މައުލޫމާތު ހިއްސާކުރި ފަރާތެއް
ތެދެކެވެ. ދެމީހަކު ޒަވާޖީ ހަޔާތެއް ފަށާނީ ވަރަށް ބޮޑެތި އުންމީދު ތަކަކާއެކުކަން ކަށަވަރެވެ. އަބަދު ގިނައިން ވަގުތު ނުދެވުނު ނަމަވެސް ދިމާވާ ކޮންމެފަހަރަކީ އުފާވެރި ވަގުތަކަށް ހެދިދާނެކަން މި ފަރާތްތަކުގެ ވާހަކަތަކުން އެނގިގެން ދެއެވެ.
ރާއްޖެއިން މި މަންޒަރުތައް ފެންނައިރު، ކޮވިޑް-19 ގެ ސަބަބުން ލޮކްޑައުން ކުރުމާއެކު ދުނިޔޭގެ ބައެއް އެހެނިހެން ޤައުމުތަކުގައި ވަރި ގިނަވެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން މި ރާއްޖެއަކީވެސް ދުނިޔޭގެ ނިސްބަތުން ވަރި ގިނަ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމަކަށްވާއިރު، މި ހުރިހާ ކަމަކުން އެނގިގެންދާ އެއްކަމަކީ ދެމަފިރިން އެކަކު އަނެކަކަށް އިތުބާރުރުމާއި، އެކަކު އަނެކާގެ އިހުސާސް ތަކަށް އިހްތިރާމް ކުރުމަކީ ކައިވެނި ދެމިއޮތުމުގެ ބާރެއް ކަމަށެވެ. އަދި ގޭގައި ލޮކްޑައުންވެގެން ތިބެން މަޖުބޫރު ނުވިޔަސް ދެމަފިރިން އެކުގައި ދަރިންނާއެކު ވަގުތު ހޭދަކުރަން ޖެހޭކަން ވިސްނާލުން މުހިއްމެވެ.