މިއީ ރާއްޖޭގައި އިންޓާނަލް މާކެޓް ތަރައްގީ ކުރަންވީ ވަގުތު ކަމަށާއި، އެކަމަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަންޖެހޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ އިސް މެމްބަރު އަދި ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ''ރައީސްގެ މެސެޖް'' ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ކަމާލުއްދީން ވިދާޅުވީ ރާއްޖޭގެ ސިނާއަތްތަކުގެ ތެރޭގައި ހިމެނޭ ފަތުރުވެރިކަމާއި، މަސްވެރިކަމާއި އަދި ދަނޑުވެރިކަން ނެތް ނަމަ އެހެން ސިނާއަތްތައް މިހާ ވަރުގަދަކޮށް ނޯންނާނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތަށް އަލިއަޅުއްވާލައްވާ ކަމާލުއްދީން ވިދާޅުވީ އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިއޮތީ ފަތުރުވެރިކަމަށެވެ. ނަމަވެސް މިހާލަތުން އަރައިގެނެވުމާއެކު، މިސިނާއަތް ކުރިއެރުވުމަށް ދުރުރާސްތާ ޕްލޭނެއް އެބަ އޮތް ކަމަށާއި، ކޮވިޑް-19އާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑެތި އުންމީދުތަކެއް ދެއްވާފައިވާ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް 06 ނުވަތަ 07 މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ އާދައިގެ ހާލަތަށްދާނެކަމުގެ އުންމީދު އެބަ އޮތް ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.
މަސްވެރިކަމާއި، ދަނޑުވެރިކަމަށް އަލިއަޅުއްވާލައްވާ ކަމާލުއްދީން ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ބިނާވެފައި އޮތީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށާއި، ބޭރުގެ މާކެޓްތަކަށް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ހުއްޓިފައިވާއިރު، މިއީ މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ބާވަތްތަކުން ރާއްޖޭގެ އިންޓަލަން މާކެޓް ފުޅާކުރަންވީ ވަގުތު ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.
ކަމާލުއްދީން ވިދާޅުވީ މަސްދޯނިފަހަރު ނެތް ވަރަށް ގިނަ ރަށްތައް އެބަހުރި ކަމަށާއި، ވަކި މިރަށްރަށަށް ވެސް މަހުގެ ބާވަތްތައް ލިބެންޖެހޭ ކަމަށެވެ.
އެހެންވީމަ އެރަށްތަކުން މިހާރު ވެސް ކަންކުރާ ގޮތް އަޅުގަނޑުމެން ބަލާފިއްޔާ އެނގޭނެ. މަސްރަށުން ހުސްވީމަ ކޮންމެވެސް ވިޔަފާރިވެރިއަކު މަސްވެރިކަމަށް ފުރާފަ ހުރި ދޯންޏަކާ ފޯނުން ގުޅާފަ ބުނާނީ. މިރަށުން މަސް ހުއްވެއްޖެޔޭ. ބުނީމަ އެރަށަކަށް ކޮންމެވެސް މަސްދޯންޏަކުން އަންނާނެ މަސްވިއްކަން. އައިމަ ދެން އެވަގުތަކު އެވިޔަފާރިވެރިއަކު ގަނެފައި މަސްގަނެފަ އޭނާ ވިއްކި ގޮތަކަށް ގޭގެއަށް ލިބޭނީ. އެހެންވީމަ މިވަގުތަކީ އަޅުގަނޑުގެ ހިތުން މަސްވެރިކަމުގަ އަޅުގަނޑުމެން ނެތް އިންޓާނަލް މާކެޓް ޑިވެލޮޕްކޮށް ހުރިހާ ރަށަކުން މަސްވެރިކަމުގެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ވިސްނަންވީ ވަގުތު.ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީން
ދަނޑުވެރިކަމާ ބެހޭ ގޮތުން ކަމާލުއްދީން ވިދާޅުވީ ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އެކިރަށްރަށަށް ފޯރުކޮށްދެވޭ ނިޒާމެއްގެ ތެރެއިން ކަންކަން ކުރަންޖެހޭ ކަމަށެވެ.
ހަމައެގޮތަށް ދަނޑުވެރިކަމުގައި ވެސް މިއަދު މިއަދު އަޅުގަނޑަށް ލިބުނު މައުލޫމާތެއް. ރަށެއްގަ ކަރާ ހައްދާގެން އުޅޭ މީހެއް އޭނާ ކަރާ ވިއްކަން މާލޭގެ ފަރާތްތަކަށް ފޯނުކޮށްލީމަ ޖަވާބު ދިން މީހަކު މިބުނީ ތިމަންނަ ކަރާ ވިއްކަނީ ރިސޯޓުތަކަށްށޭ. މިއަދު ގަންނާކަށް ރިސޯޓެއް ނެތޭ. ދެން ކަރާ ހައްދާ މީހާ އޭނާ ހަދާނެ ގޮތެއް ނޭނގިގެން އެކި މީސްމީހުންނަށް އުޅާކަން އަޅުގަނޑަށް މައުލޫމާތު ލިބުނު.ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީން
ދަނޑުވެރިން އުފައްދާތަކެތި އެސް.ޓީ.އޯ މެދުވެރިކޮށް، ހަލާކުނުވެ ތާޒާކަންމަތީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓްރޭޑިންގ ޕްލެޓްފޯމެއް ގާއިމްކުރާކުރުމުގެ މަސައްކަތާ ބެހޭ ގޮތުން ކަމާލުއްދީން ވިދާޅުވީ މިއީ އެޅުނު ރަނގަޅު ފާލެއް ކަމަށެވެ.
އުންމީދުކުރަނީ ޓްރޭޑިންގ ފްލެޓްފޯމްގެ ތެރެއިން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ރާއްޖޭގައި މިހާރު ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އެރަށްރަށުން ވެސް އިންޓާނަލް މާކެޓްއަށް އުފެދޭނެ އަދި އުފުލޭނެ ގޮތެއް މެދުވެރިވެގެން ދިއުން ކަމަށެވެ.