ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިހާރު މަދުކުރެވިފައިވަނީ ޑޮކްޓަރުން ކުރި ބުރަ މަސައްކަތުން ކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯއީސީ) އިން ބުނެފި އެވެ.
ރާއްޖޭގައި އެންމެ ފަހުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން ޕޮޒިޓިވް އިތުރު ކޭސްއެއް ނުފެންނަތާ ބުރާސްފަތި ދުވަހާ ހަމަޔަށް ވަނީ 12 ދުވަސް ވެފައެވެ.
ބުރާސްފަތި ދުވަހުގެރޭ އެންއޯއީސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ، ރާއްޖެއިން ކޮވިޑް-19 ގެ ކޭސް އެއް ފެނުމުގެ ކުރިން ޑޮކްޓަރުން އައީ އެކަމަށް ތައްޔާރުވަމުން ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮވިޑް-19 އާ ގުޅިގެން 42 އިދާރާއެއް ހިމެނޭ ގޮތަށް ޓާސްކް ފޯހެއް އެކުލަވައިލާފައެވެ. އޭގެ ތެރޭގައި، އެތެރެ ހަށީގެ ބަލިތަކަށް ފަރުވާދެއްވާ ޑޮކްޓަރުންނާއި، ސީނިއާ ޑޮކްޓަރުން ދަނީ ހަރާކާތްތެރިވަމުންނެވެ.
ޑރ. މުހައްމަދު ވިދާޅުވީ، ޕޮޒިޓިވް ކޭސްތަކެއް ނުފެނި ލަސްކުރެވުނީ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ސަރުކާރުގެ އިދާރާތަކުންނާއި އާއްމުން އަމަލުކުރަމުންދާތީ ކަމަށެވެ. ކޮވިޑް-19 އިތުރު ފެތުރުނަ ނުދިނުމަށްޓަކައި ގޭގައި މަޑުކުރަން ޑޮކްޓަރުން ދަނީ އާއްމުންނަށް އިރުޝާދު ދެމުންނެވެ. އެހެން ނަމަވެސް މަދު ބަޔަކު ބޭރަށް ނިކުމެ އެއްތަނެއްގައި އުޅޭތީވީ ޑޮކްޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ޑޮކްޓަރު މުހައްމަދު ވިދާޅުވީ، މިހާރު ކުރެވޭ މަސައްކަތަކީ ކުރިޔަށް އޮތް ޕީކް ކުޑަކުރަން ކުރެވޭ މަސައްކަތް ކަމަށެވެ. އެގޮތުން ވީހާވެސް ބޮޑަކަށް މީހުން ގޭތެރޭގައި މަޑުކުރުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވިއެވެ. ޑރ. މުހައްމަދު ވަނީ ނަރުހުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.
ޑޮކްޓަރުންގެ ޓީމްގެ އުއްމީދަކީ ކުރިޔަށް އޮތް ތަނުގައި ރާއްޖެ އަށް އަންނަ މީހުންގެ އިތުރުން ރާއްޖެއިން ފުރާ ހުރިހާ އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރުމެވެ. ކޮވިޑް ބަލި ޖެހޭ މީހުންގެ ތެރެއިން ހާލަތު ގޯސްވާ މީހުންނަށް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާ ޑީއެއްޗް 11 ގައެވެ. އެތަނުގައި 4 ޑޮކްޓަރަކު ހަރަކާތްތެރިވެއެވެ.