Advertisement
ކ. މާލެ
|
29 މާރޗް 2017 | ބުދަ 19:13
ރައީސް ނަޝީދު، އެމްޑީޕީގެ ނައިބު ރައީސް އާއި ސެކްރެޓަރީ ޖެނެރަލްއާއެކު ލަންކާގައި
ރައީސް ނަޝީދު، އެމްޑީޕީގެ ނައިބު ރައީސް އާއި ސެކްރެޓަރީ ޖެނެރަލްއާއެކު ލަންކާގައި
ރާއްޖެއެމްވީ
ޔާމީން ބަންދުކުރި މައްސަލަ
ޗިޓް ހަވާލުނުކުރެވުމުން ރައީސް ނަޝީދުގެ ޝަރީއަތް ކެންސަލް ކޮށްފި
މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު
ރައީސް ނަޝީދު މިވަގުތު ހުންނެވީ ލަންކާގައި
ރައީސް ނަޝީދު މިހާރު ވެސް ގެންދަވަނީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން

ރައީސް އަބްދުﷲ ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ ކުށުގެ ދައުވާގެ ޝަރީއަތް ޗިޓް ހަވާލުނުކުރެވިގެން ކެންސަލް ކޮށްފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ޔާމީން ހައްޔަރުކޮށްގެން އާރަށަށް ގެންގޮސްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެމަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހު އެވެ.

 

އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހުގެ މެންދުރު 1:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި ނަމަވެސް، އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ. ކޯޓުން ބުނީ އަޑުއެހުން ކެންސަލް ކުރީ ރައީސް ނަޝީދާ ޗިޓް ހަވާލުކުރެވޭނެ ގޮތެއް ނުވުމުން ކަމަށެވެ.

 

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރި އިރު އެމަނިކުފާނު ހުންނެވީ އަވަށްޓެރި ސްރީ ލަންކާގަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން، އެގައުމުން ހިމާޔަތް ހޯއްދެވުމަށްފަހު ރައީސް ނަޝީދު ދިރިއުޅުއްވަނީ އެގައުމުގަ އެވެ.

 

ރައީސް ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރިއިރު، އެ މައްސަލައާ ގުޅިގެން އެއިރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.

 

ރައީސް ޔާމީން ބަންދުކުރިއިރު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް ރިޓަޔާޑު މޫސާ އަލީ ޖަލީލު ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނަގާފައި ވެއެވެ. ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ކުރަން ނުފޮނުވުމަށް ފުލުހުން ވަނީ ނިންމާފަ އެވެ.

 

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރި އިރު، މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ ޓެރަރިޒަމުގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު(އަބްދުﷲ ގާޒީ) ސިފައިންގެ ބެލުމުގެ ދަށުގައި ގިރިފުށީގައި ބެހެއްޓި މައްސަލައިގައި އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެވެ.

 

ޔާމީން އާރަށުގައި ބެހެއްޓީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލިފަހުންނެވެ.

 

ރައީސް ނަޝީދުގެ ސަރުކާރުން އެއިރު ބުނެފައިވަނީ ޔާމީން އާރަށަށް ގެންދިޔައީ މާލެ ތެރޭގައި ހާލަތު ނުރައްކާވަމުން ދާތީ ޔާމީންގެ ހަށި ފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ފެނުމުން އެ މަޖިލީހުން އެ ގޮތަށް ނިންމުމުން ކަމަށެވެ.

 

އާރަށަކީ އެއްވެސް އިރެއްގައި މީހުން ހައްޔަރުކޮށްގެން ގެންގުޅޭ ތަނެއް ނޫން ކަމަށާއި ޔާމީން އާރަށަށް ގެންދިޔައީ ވެސް މީހުން ހައްޔަރުކުރުމަށް އޮންނަ އުސޫލުތަކުގެ ދަށުން ނޫން ކަމަށް އެއިރުގެ ސަރުކާރުން ބުނެފައި ވެއެވެ. އަދި ޔާމީން އާރަށަށް ގެންދިޔައީ އެއީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކަށް ވެސް ވާތީ ހިމާޔަތް ދޭންޖެހޭ ހާލަތެއްގައި ގާނޫނު އަސާސީ އާއި ގާނޫނީގެ އިމުގެ ތެރެއިން ސިފައިންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށް އޭރު ސަރުކާރުން ބުނެފައި ވެއެވެ.

 

އާރަށުގައި ބަންދުކޮށްފައި ބެހެއްޓި މައްސަލައިގެ ތަހުގީގަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޔާމީން ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، އެ މައްސަލައިގައި ދައުވާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް