ރޮހިންޔާ މައްސަލައަށް ރާއްޖެއިން ވަނުމުން ގެމްބިއާއިން މަރުބާ ކިޔައިފިއެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ދަ ގެމްބިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، އިންޓަނޭޝަނަލް ކޯޕަރޭޝަން އެންޑް ގެމްބިއަންސް އެބްރޯޑް ހިޒް އެކްސެލެންސީ ޑރ. މަމަޑޫ ޓަންގާރާ އަށް ފޯނުން ގުޅުއްވައި، އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ފަރާތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އަށް ގެމްބިއާ އިން ހުށަހެޅި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދިނުމުގެ މައްސަލައަށް ދިވެހި ރާއްޖެއިން ތަދައްޙުލްވުމަށް ނިންމަވާފައިވާ ނިންމުމަށް މިނިސްޓަރ ޝާހިދު އަލިއަޅުވާލައްވައިފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި މައްސަލައަކީ މުހިއްމު މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށާއި، މި މައްސަލައިގައި ގެމްބިއާ އާއެކު ދިވެހިރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި މިމައްސަލައިގައި ރާއްޖެއިން ކުރިއަށްގެންދާ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދިޔުމުގައި ގެމްބިއާގެ މަޝްވަރާއާއި އިރުޝާދު ހޯދަމުން ގެންދަވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު އެރުވިއެވެ.
މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ގެއްލެމުންދާ މައްސަލައަކީ ދިވެހިރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކޮށް ވަކާލާތު ކުރަމުންދާ މައްސަލައެއްކަމަށާއި، މިމައްސަލައަށް ރާއްޖެއިން ތަދައްޚުލުވީ އެ މަސައްކަތުގައި އިތުރަށް ޢަމަލީގޮތުން ބައިވެރިވުމުގެ މަޤްޞަދުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދިނުމަށް ގެމްބިއާ ސަރުކާރާއި އޯ.އައި.ސީއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް މިނިސްޓަރ ޝާހިދު ވަނީ ހިތްވަރު ދެއްވާފައެވެ.