ސްރީލަންކާއަށް ދަތުރުކުރާ އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ބައެއް ފިޔަވަޅުތައް އެޤައުމުން އަޅަން ނިންމާފައިވާ ކަމަށެވެ.
އޭގެތެރޭގައި:
1. ވަކި ގޮތެއް އަންގަންދެން ހުރިހާ ކެޓެގަރީ އެއްގެ ވިސާ ދޫކުރުން މަނާކުރުން.
2. އެއްވެސް ކެޓެގަރީއެއްގެ ވިސާ (އިލެކްޓްރޯނިކް ޓްރެވަލް އޯތޮރައިޒޭޝަން މެދުވެރިކޮށް ލިބިފައިވާ ވިސާ، ސްރީލަންކާގެ ރެޒިޑެންޓް ވިސާ، އެންޓްރީ ވިސާ، ލޭންޑިންގް އެންޑޯސްމެންޓް އަދި މަލްޓިޕްލް އެންޓްރީ ވިސާ) ލިބިފައި ހުއްޓަސް، މިހާތަނަށް މިއިން އެއްވެސް ވިސާއެއް ބޭނުންކޮށްގެން ސްރިލަންކާއަށް ދަތުރު ކޮށްފައިނުވާނަމަ، މި ވިސާތައްވެސް 31 މާރިޗު 2020 ގެ ރޭގަނޑު ސްރީލަންކާ ގަޑިން 23:59 އާ ހަމައަށް ސަސްޕެންޑް ކުރުން.
3. ކޮލޮމްބޯ، ގަމްޕަހާ އަދި ކަލުތަރަގައި ވަކި ގޮތެއް އަންގަންދެން ކަރފިއުއެއް ހިންގުން.
ފޮރިން މިނިސްޓްރީން ބުނީ މިފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށާއި، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ ލަންކާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށާއި، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން، ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެޤައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައެވެ.
އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް ވަނީ އެދިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމަށެވެ.