ގެސްޓްހައުސް ވިޔަފާރިން 28.9 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތަކަށް ކުރަމުންދާ އަސަރުތަކާއި އަދިވެސް ގެސްޓްހައުސްތަކާއި ގުޅުންހުރި އެހެން ބައެއް މުހިއްމު ކަންކަން ހިމެނޭ ގޮތުން ސުވާލުތަކެއް ހިމަނައިގެން އެ ޖަމްއިއްޔާއިން ސާރވޭއެއް ހިންގާފައިވާ ކަމަށެވެ.
އަދި މި ސާރވޭ ކުރެވިފައިވަނީ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މުޅިން ހުއްޓާލުމުގެ ކުރިން ކަމުގައިވާތީ ސުވާލުތައް ބައްޓަން ކޮށްފައިވާނީ އޭރުގެ ހާލަތަށް ރިއާޔަތްކޮށްގެންނެވެ. ނަމަވެސް ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ގިނަ މާކެޓްތަކުން ދަތުރުހުއްޓާލުމާއި، ޔޫރަޕާއި ޗައިނާ ފަދަ ގައުމުތައް ލޮކްޑައުންއަކަށް ގޮސްފައިވުމާއި އަދި ރާއްޖޭގެ ގެސްޓްހައުސްތަކަށް ފަތުރުވެރިން އައުން މަނާކުރުމާއެކު ގެސްޓަހައުސް ވިޔަފާރި ވަނީ މިވަގުތަށް މުޅިން ހުއްޓިފައި ކަމަށެވެ.
ގެސްޓްހައުސް ވިޔަފާރިއަކީ އެވިޔަފާރިއެއް ހިންގާ ރަށްތަކުގެ މުޅި މުޖުތަމަޢަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ވިޔަފާރިއެއް ކަމަށާއި މި ސިނާޢަތުން ލިބޭ މަންފާވެސް ބެހިގެންދަނީ މި މުޖުތަމައުތެރޭގައި ކަމަށެވެ.
ކޮވިޑް-19 ފަދަ ބަލިމަޑުކަމެއް ފެތުރި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމުންވެސް އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހޭނީ ހަމަ އާންމު ރައްޔިތުންނަށް ކަމަށާއި ސަރުކާރުން ގެސްޓްހައުސްތައް ބަންދު ކުރަން އެޅި ފިޔަވަޅަށް އެ އެސޯސިއޭޝަނުން މަރުހަބާކިޔާ ކަމަށެވެ.
"ސަރުކަރުގެ ނިންމުންތައް ތަންފީޒް ކުރުމަށް އެއްބާރުލުން ދެމުންދާ ސަބަބަކީ އަޅުގަނޑުމެންނަށް ލިބޭ މާލީ މަންފާއަކަށް ވުރެ އާންމު ރައްޔިތުންގެ ފުރާނާ މުހިއްމު ކަމުގައިވާތީ. މިކަމުން އަރައިގަނެ ގެސްޓްހައުސްތަކުގެ ޚިދުމަތް ދޭން ފަށައިގަންނަން ޖެހޭނީ ހަމަ ސުމަކުންކަންވެސް އިނގި ތިބެ" ބަޔާނުގައި ވެއެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން ހެދި ސާރވޭގެ ނަތީޖާ ދައްކާގޮތުން ގިނަ ގެސްޓްހައުސް ތަކަކީ ލޯން ނަގައިގެން ފަށާފައިވާ ވިޔަފާރިތަކަށް ވުމާއި އަދި ބިމު ކުލީގެ ގޮތުގައި ބޮޑު އެއްޗެއް ހޭދަކުރަމުން އަންނަ ތަންތަނެވެ. އަދި ހަމަ އެއާއެކު ބިލް ތަކާއި މުވައްޒަފުންގެ މުސާރައަށްވެސް އާމްދަނީގެ ބޮޑު ޕަސެންޓެއް ހޭދަކުރަމުންދާކަމަށް ބަޔާނުގައި ވެއެވެ.
އެގޮތުން 2019 ގެ ރިޕޯޓުތައް ދައްކައުގޮތުން ފެނާއި، ކަރަންޓް ބިލް ފަދަ ޔުޓީލިތީ ބިލުތަކަށް އަދި ސަރުކާރަށް ދައްކަން ޖެހޭ ޖީއެސްޓީއާއި ގްރީން ޓެކްސްގެ ގޮތުގައި އާމްދަނީގެ %26 ވަނީ ހޭދަކުރެވިފައި ކަމަށާއި %56 ވަނީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދުތަކާއި ކޮމިއުނިޓީ އާއި ސީދާ ގުޅުންހުރި ކަންކަމަށް ޚަރަދުކުރެވިފައިވާކަމަށެވެ.
މިކަމުން ދޭހަކޮށްދެނީ ގެސްޓްހައުސް ވިޔަފާރިން ރާއްޖޭގެ އާންމު ރައްޔިތުންނާއި ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ދެމުންދާ ކޮންޓްރިބިއުޝަންގެ ބޮޑުކަން ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ.
މިވަގުތު ގެސްޓްހައުސް ތަކުގެ ވިޔަފާރި ހުއްޓިފައިވީނަމަވެސް މަހުންމަހަށް ދައްކަން ޖެހޭ ކުއްޔާއި މުވައްޒަފުންގެ މުސާރައާއި ދައްކަން ޖެހޭ ބިލުތައް އަދި ސަރުކާރުން ދައްކަން ޖެހޭ އެކި ޓެކްސްތައް ދައްކަންޖެހޭ ކަމަށާއި މިހާރު މިއޮތް ހާލަތުން އަރައިގަނެ، ގެސްޓްހައުސްތަކުގެ ވިޔަފާރި ދެން ފަށައިގަނެވޭނެ މުއްދަތެއް އަންދާޒާކޮށްލަން ދަތިނަމަވެސް ލަފާކުރެވޭ ގޮތުގައި ރަނގަޅު ގޮތެއްގައި ހިނގައިގަންނާނީ އަދި މަދުވެގެން ހައެއްކަ މަސް ފަހުން ކަމަށްވާތީ ހަމައެކަނި ހައެއްކަ މަސްތެރޭގައި އެކަނިވެސް ގެސްޓްހައުސް ވިޔަފާރިއަށް ގާތްގަނޑަކަށް 28.9 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް ސާރވޭއިން އަންދާޒާ ކުރެވިފައިވާ ކަމަށެވެ.
މިފަދަ ސާރވޭއެއް ހަދަން ބޭނުންވި އެންމެ މުހިއްމު އެއް ބޭނުމަކީ އެ ޖަމުއިއްޔާ އަކީ ދިވެހިރާއްޖޭގެ ގެސްޓްހައުސްތަކުގެ ހައްގުގައި ވަކާލާތު ކޮށްދިނުމުގެ މަތިވެރި މަގްސަދުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާއަކަށް ވުމާއެކު ގެސްޓަހައުސްތަކަށް ލިބޭ ގެއްލުމުގެ އަންދާޒާއެއް ހަދައި ސަރުކަރުގެ ގުޅުން ހުރި އިދާރާތަކާއި ހިއްސާކުރުން ކަމަށެވެ.
އަދި އެފަރާތްތަކުގެ ސަމާލުކަމަށް ގެނައުމާއި އެކު ގެސްޓްހައުސް ވިޔަފާރި ހުއްޓުނަ ނުދިނުމަށްޓަކައި މި ވިޔަފަރި ހިންގާ ފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތައް ސަރުކާރުގެ ތެރެއިންނާއި އެހެނިހެން އެހީދޭ ޖަމާއަތްތަކުގެ އެހީތެރިކަމާއެކު ހޯދައިދިނުމެވެ. އެގޮތުން ސަރުކާރުގެ ގުޅުންހުރި އިދާރާތަކުގެ ވެރިންނާއި ބައްދަލުކޮށް އެޖަމުއިއްޔާއިން ތަފްސީލީ ރިޕޯޓެއް އަރުވާނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ.