ކޮވިޑް-19 އާއި ގުޅިގެން އަތުވެދާނެ އެންމެ ގޯސް ހާލަތަކަށް ވެސް ތައްޔާރުވެފައިވާކަމަށާއި އެކަމާއި ގުޅޭ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯ އުމަރު މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ ރަށްރަށުގައި މި ބަލި ފެތުރުން ކުދަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބަލި އިތުރަށް ފެތުރިއްޖެ ހާލަތެއްގައި ކަންކުރާނެ ގޮތުގެ ޕްލޭންތައް ހަދަމުންދާކަމަށެވެ. އަދި މިހާރު އޮތީ ތަންފީޒީ މަރުހަލާއަށް ކަމަށްވާތީ އެފަދަ ހާލަތަކަށް ތައްޔާރުވުމަށްޓަކައި ކަންކުރާނެ ގޮތުގެ ޑްރިލްތަކެއް ވެސް ކުރިއަށްދާކަމަށް އުމަރު ވިދާޅުވިއެވެ.
މާލޭގައި ގެތަކެއް ކަރަންޓީނު ކުރަންޖެހިއްޖެ ހާލަތެއްގައި ކަންކުރާނެ ގޮތުގެ ޕްލޭން ހިއްސާ ކުރަމުން އުމަރު ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދެވޭނީ 16 ސެކްޓަރ އަކަށް ބަހާލައިގެން ކަމަށެވެ. އަދި އެ ސެކްޓަރތަކުގައި އިންސިޑެންޓް ކޮމާންޑް ޕޯސްޓްތައް އެކްޓިވޭޓް ކުރަންޖެހިއްޖެ ނަމަކުރަން ތައްޔާރު ކަމަށެވެ. އަދި އެގެތަކަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެވޭނީ އެ ޕޯސްޓްތައް މެދުވެރިކޮށްކަމަށެވެ.
މާލޭގައި ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށް 16 ސެކްޓަރ އަށް ބަހާލާއިރު ހުޅުމާލެ ފޭސް 2 ހިމެނޭގޮތަށް އެ މަސައްކަތް ކުރިއަށްދަނީ 6 ސެކްޓަރ އަށް ބަހާލައިގެންނެވެ. އަދި ވިލިމާލެ، 1 ސެކްޓަރ އަށް ބަހާލައިގެން ކުރިއަށްދާނެ ކަމަށާއި ތިލަފުށީގައި ވެސް އެގޮތަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ރެސްޕޮންސް އެންޑް މެނޭޖްމެންޓް ޕްލޭންއާއި ގުޅިގެން މައުލޫމާތު ދެއްވަމުން މާލެސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި މިހާރުވެސް މާލޭގެ ސިޓީގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު ޝިފާ ވިދާޅުވީ މާލެ ޑިސްއިންފެކްޓްކޮށް ނިމުމުން ހުޅުމާލެ އަދި ވިލިމާލޭލެވެސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.
ހަމައެއާއި އެކު މާލޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މާލޭގެ ކޮންމެތަނެއް ވަކި ވަކިން ބަލާ ޗެކް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން ޝިފާ ވިދާޅުވީ މާލެ،ހުޅުމާލެ އަދި ވިލިގިލި ލޮކްޑައުންއަށް ދާ ހާލަތުގައި އެ ތަންތަނުގައި ޚިދުމަތްދޭނީ ކޮންފިހާރަތަކެއް ތޯ ބަލާފައިވާނެ ކަމަށެވެ. އެގޮތުން ކޮންމެ ބްލޮކެއް ބަލާ، ކޮންމެ ފިހާރައަކަށް ގޮސް، ޑެލިވަރީގެ ޚިދުމަތްދެވޭނީ ކޮން ފަރާތްތަކަކަށްތޯ ދަނީ ބަލަމުން ކަމަށް ޝިފާ ވިދާޅުވިއެވެ.