ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޭގައި ތިއްބަވައިގެން މަސައްކަތްކުރައްވަން ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް އަންގާރަ ދުވަހުގެ ހެނދުނު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވަނީ، އަންނަ ހަފުތާއިން ފެށިގެން މަޖިލީހުގެ މަސައްކަތްތައް މެންބަރުން ގޭގައި ތިއްބަވައިގެން އިންޓަރނެޓް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމާވާފައެވެ.
ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ދާނީ މައިކްރޯސޮފްޓް ޓީމްސް ބޭނުން ކޮށްގެންކަމަށާއި މެންބަރުން ބޭނުން ކުރައްވާނީ އެބޭފުޅުންގެ ރަސްމީ އީމެއިލް އެޑްރެސްކަމަށެވެ. މި ޖަލްސާތަކުގެ ލައިވް ފީޑް މީޑިއާއަށް ލިބޭނެ އިންތިޒާމް މަޖިލީހުން ދަނީ ހަމަޖައްސަމުންނެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިން ފެނުމާއި ގުޅިގެން މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދުނުކުރެވޭނެ ކަމަށާއި، ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަން އިޢުލާންކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ނިންމެވި ނިންމުމެއް ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް މެދެކަނޑާލަން ނިންމެވީ، ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 247 ވަަނަ މާއްދާގެ ދަށުން ރިޔާސާތައް ލިބިދޭ ބާރުގެ ތެރެއިންނެވެ.
ޖަލްސާތައް މި ވަގުތަށް މެދުކަނޑާލަން ނިންމެވި ނަމަވެސް، މަޖިލިސް ބަންދެއް ނުވާ ކަމަށާއި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ރައްޔިިތުންގެ މަޖިލީހުގެ މުވައްޒަފުން ގެއިން މަސައްކަތްކުރުމަށް ބޭނުންވާ އިންތިޒާމުތައް މަޖިލީހުގެ އިދާރާއިން ހަމަަޖައްސައި ދޭނެއެވެ.
މި ވަގުތު ރައްޔިތުންގެ މަޖިލީހުން ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކުރުމަށް ޤާނޫނީ ޙައްލެއް ހޯދުމާއި، އިންތިޚާބު ފަސްކުރުމާއި ގުޅިގެން މިހާރު އިންތިޚާބުކުރެވިފައިވާ ކައުންސިލްތަކުގެ ދައުރު އިތުރުކުރުން ހިމެނެއެވެ.