ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކަށް ފަރުވާދޭއިރު ބޭނުންކުރާނެ ރައްކާތެރި އާލާތްތައް (ޕްރޮޓެކްޓިވް ގިއަރ) މަދުވެގެން، ޕާކިސްތާނުގެ ޑޮކްޓަރުން ކަނބޮޑުވުން ފާޅުކޮށްފިއެވެ.
ވައިރަސް ޖެހިގެން ޕާކިސްތާނުގައި މިހާތަނަށް 800 އަށް ވުރެ ގިނަ ފަރާތެއް އެނދުމަތި ކޮށްފައިވާއިރު، ގިނަ ސަރަހައްދުތަކެއް ލޮކްޑައުންއަކަށް ދިއުމާ ވަރަށް ގާތް ކަަމަށް މުރާސިލުން ބުނެއެވެ. މިހާރު ވެސް އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ލޮކްޑައުން ތަންފީޒުކުރަން ފަށާފައިވާއިރު، އެހެން ސަރަހައްދުތަކުގައި މީހުން އެއްވެ އުޅުން ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައެވެ.
އެގޮތުން، ހޯމަ ދުވަހުން ފެށިގެން ކަރާޗީ ވަނީ ފުލް ލޮކްޑައުންއަކަށް ގޮސްފައެވެ. އަދި ޕާކިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުން ދިރިއުޅޭ ޕަންޖާބު ޕްރޮވިންސްގައި ވަނީ އަސާސީ ހިދުމަތެއް ހޯދުމަށް ނޫނީ، އެއްވެ އުޅުމާއި، އެއްތަނުން އަނެއް ތަނަށް ދަތުރުކުރުން މަނާކޮށްފައެވެ.
މި ލޮކްޑައުން މާޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް ތަންފީޒުކުރާނެ ކަމަށް ޕާކިސްތާނުގެ ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. ބައެއް ސަރަހައްދުތަކުގައި ލޮކްޑައުން އިއުލާންކުރި ނަމަވެސް، މުޅި ގައުމު އެއްކޮށް ލޮކްޑައުން ނުކުރުވޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ޙާން ވަނީ ވިދާޅުވެފައެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ދިމާވެދާނެ އިގްތިސާދީ ހީނަރުކަމަކުން އަރައިގަންނަން އުނދަގޫވާނެތީއެވެ.
އިމްރާން ޙާން ވިދާޅުވީ، ޔޫރަޕުގެ ގައުމުތަކާއި އެމެރިކާގައި ހުރި ވަސީލަތްތައް އެ ގައުމުގައި ހުރިނަމަ، ލޮކްޑައުން ކުރެވިދާނެ ކަމަށެވެ. ނަމަވެސް، ގައުމުގެ އާބާދީގެ 25 އިންސައްތަ ދުނިޔޭގެ އެންމެ ފަގީރު މީހުންގެ ލިސްޓުގައި ހިމެނޭއިރު، އެ މީހުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކަކީ ހުއްޓުވާލެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.
ޕާކިސްތާނުގައި ކޮރޯނާވައިރަސް ފެތުރެން ދިމާވެފައިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، ތަފްތާން ކަރަންޓީން ކޭމްޕުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމެވެ. މިއީ އެ ގައުމާ އީރާނާ ދެމެދު އޮންނަ ސަރަހައްދީ ރޮނގާއި އިންވެގެން ގާއިމްކުރި ކޭމްޕެކެވެ. އެ ގައުމުން ރިޕޯޓްކުރެވުނު ކޭސްތަކުގެ ތެރެއިން 57 އިންސައްތަ މީހުން މި ކޭމްޕުގައި މަޑުކޮށްފައިވެއެވެ.
މިހާތަނަށް 35 ހޮސްޕިޓަލެއްގައި 118،000 އެނދު ތައްޔާރީ ހާލަތަކަށް ގެނެވިފައިވާ ކަމަށް ޕާކިސްތާނުގެ ސިއްހަތާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެކަށީގެންވާ އާލާތްތައް ނެތުމާއި ގުޅިގެން އެ ގައުމުގެ ޑޮކްޓަރުން ވަނީ ވައިރަހާ ދެކޮޅަށް ހަނގުރާމަ ކުރަން ވަސީލަތްތައް އިތުރުކުރަން ގޮވާލާފައެވެ.
މިހާތަނަށް ޕްރޮޓެކްޓިވް ގިއަރ ފޯރުކޮށްދީފައިވަނީ، ފްރަންޓްލައިންގައި ތިބި ސިއްހީ މަސައްކަތްތެރިންނަށް އެކަންޏެވެ. އަދި ކެޝުއަލްޓީއާއި އެމަރޖެންސީގައި މަސައްކަތްކުރާ ފަރާތްތަކަށް އެ އާލާތްތައް ފޯރުކޮށްދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ވަނީ އެދިފައެވެ.
ބައެއް ފަރާތްތަކުން އަމިއްލަ ހަރަދުގައި އެ އާލާތްތައް ގަންނަމުންދާ ކަމަށް އަލްޖަޒީރާއާ ވާހަކަދެއްކި ބައެއް ޑޮކްޓަރުން ވަނީ ބުނެފައެވެ. ޑޮކްޓަރުންގެ ކަންބޮޑުވުން އިތުރުވެފައިވަނީ، ބަލި މީހުން ދެނެގަތުމަށް ހަރަކާތްތެރިވީ ޒުވާން ޑޮކްޓަރަކު ވައިރަސް ޖެހިގެން މަރުވުމާއި ގުޅިގެންނެވެ.
ޕާކިސްތާނުގެ ސަރުކާރުން ވަނީ ޑޮކްޓަރުންނަށް ބޭނުންވާ ޕްރޮޓެކްޓިވް ގިއަރ ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ބުނެފައެވެ. އެގޮތުން، އެ ގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗެއަރމަން ވިދާޅުވީ އިތުރު އާލާތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ.
އާދިއްތަ ދުވަހުގެ ވަގުތެއްގައި، 14 މެޓްރިކް ޓަނުގެ ސިއްހީ އާލާތްތައް (ޕްރޮޓެކްޓިވް ގިއަރ ހިމެނޭ ގޮތަށް)، ހޮސްޕިޓާތަކަށް ފޯރުކޮށްދީފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.