ކޮންމެ އަހަރެއްގެ މެއި/ޖޫން މަހު ބާއްވާ ކޭމްބްރިޖްގެ އިމްތިހާނުތައް މިއަހަރު ނުބާއްވަން ނިންމައިފިއެވެ.
ކޭމްބްރިޖް އިންޓަރނޭޝަނަލް އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސްކޫލު ތަކާއި ކޮލެޖް، ޔުނިވާސިޓީތައް ބަންދުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، މިއަހަރުގެ މެއި/ޖޫންގައި ބާއްވާ ކޭމްބްރިޖު އައިޖީސީއެސްސީ، އޯލެވެލް، ކޭމްބްރިޖު އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނާއި އޭއައިއީސީ ޑިޕްލޮމާ އަދި ކޭމްބްރިޖް ޕްރީ ޔޫ އެގްޒެމިނޭޝަން ކެންސަލް ކޮށްފައިވާ ކަމަށެވެ.
ކޭމްބްރިޖްގެ މެއި ޖޫން އިމްތިހާނު ފަސް ކުރުމުން ރާއްޖޭގެ ދަރިވަރުންނަށް އެކަމުން މާބޮޑު އަސަރެއް ނުކުރާނެއެވެ. ރާއްޖޭގައި އޯ ލެވެލް ހަދަނީ އޮކްޓޯބަރު އަދި ނޮވެމްބަރުގައި ނަމަވެސް މަދު ސްކޫލުތަކަކާއި އަމިއްލަ ޓިއުޝަން ސެންޓަރުތަކުން މެއި/ޖޫން އިމްތިހާނުގައި ބައިވެރިވެއެވެ.
ރާއްޖޭގެ ދަރިވަރުން އޭ ލެވެލްގައި ހަދަނީ އެޑެކްސެލް އިމްތިހާނެވެ.
ކޭމްބްރިޖް އިންޓަރނޭޝަނަލް އިން ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ޔުނިވަރސިޓީން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ދަރިވަރުންނާއި ޓީޗަރުންގެ ސަލާމަތާއި ރައްކާތެރިން ކަށަވަރުކޮށް ހަމަހަމަކަމާ އެކު ކިޔެވޭނެ މާހައުލެއް ފަހިކޮށްދިނުމަށް ކަމަށެވެ. އަދި އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުން ބުރަ މަސައްކަތް ކުރާނެ ކަމަށާއި ސްކޫލުތަކާ ގުޅިގެން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް އެ ޔުނިވާސިޓީ އިން ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.