ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 07:29
މީގެކުރިން ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި
މީގެކުރިން ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި
މޯލްޑިވްސް ޕޮލިސް ސާރވިސް
ޕޮލިސް
މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި!
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން
މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވޭ
އެ މީހާވަނީ ފިލަން މަސައްކަތް ކޮށްފައި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ބ. ކެންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާއި ބެހޭ ތަފްސީލް ހާމަކޮށް ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެތި ފެނިފައިވަނީ، މާލެއިން ކެންދޫއަށް ދިޔަ ލޯންޗަކުން ގެންދިޔަ ފޮށިގަނޑެއް ބަލައި ފާސްކުރި އިރުކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ.

އެ ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، 2020 މާރިޗް 21 ވަނަ ދުވަހު މާލެއިން ކެންދޫއަށް އަންނަ ލޯންޗަކުން މަސްތުވާތަކެތި ހުރި ފޮށިގަނޑެއް ގެންނަ ކަމުގެ މައުލޫމާތު ބ. ކެންދޫ ޕޮލިސް ޑެސްކަށް ލިބުމާ ގުޅިގެން ކުރި މަސައްކަތުން، ތުހުމަތު ކުރެވޭ ފޮށިގަނޑު ބަލައި އައި މީހާ، ފޮށިގަނޑާއެކު ހުއްޓުވުމުން ފޮށިގަނޑު ދޫކޮށްލުމަށްފަހު ފިލުމުންކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ 2020 މާރިޗް 21 ވަނަ ދުވަހުގެ ރޭ 22:15 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް