ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު ދެ މީހަކު ރިކަވަރވެފައިވާ ކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
ހޯމަ ދުވަހު ބޭއްވި އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރެއްވީ ޑރ. މުހައްމަދު އިސްމާއިލްއެވެ. އޭނާ ވިދާޅުވީ، އެ ދެ މީހުން ބަލިން ރިކަވަރވުމުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ, އިތުރު ބަޔަކު ބަލިން ރަނގަޅުވުމަކީ ކޮވިޑް-19 ގެ އޮތް ރިސްކު ކުޑަވުން ނޫން ކަމަށާއި، އެހެން ކަމުން ހުރިހާ ފަރާތްތަކުން ގޭގައި މަޑުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހަކު ވަނީ މީގެ ކުރިން ރަނގަޅުވެފައެވެ. އެ އެންމެންވެސް އަލަށް ބަލިން ރަނގަޅުވި މީހާއާ އެކު ބަލި ޖެހުނު ފަސް މީހަކު މި ވަނީ ރަނގަޅުވެފައެެވެ. އެ އެންމެންވެސް މިހާރު ގެންދަނީ 30 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަމުންނެވެ.
ރާއްޖޭގެ އެއްވެސް މީހަކު މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެެވެ. އެކަމަކު މީގެ ކުރިން ބަލި ޖެހުނު މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަަސައްކަތްކޮށް ބައެއް ދިވެހިން ވަނީ އެކަހެރި ކޮށްފައެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ވަނީ 30 ދުވަހުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެއާއިއެކު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަށް ލިބިފައިވާ ބާރުގެ ދަށުން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.