މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު މައުރޯނޭ ފެލައިނީ އާ ބައްދަލުވެ ކޮންޓެކްޓްވި ފަރާތްތަކުން އެކަން ނުފޮރުވާ އަވަހަށް ރިޕޯޓުކުރުމަށް ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ފެލައިނީއާ ކޮންޓެކްޓުވި މީހުން މާލެ ސަރަހައްދުގައި ތިބެދާނެ ކަމަށާއި، އެއްވެސް ތަނަކުން އޭނާ އާއި ބައްދަލުވި މީހަކު ހުރިނަމަ އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ 1676 އަށް ގުޅާ ހިއްސާކުރުމަށެވެ.
މަބްރޫކް ވިދާޅުވީ ފެލައިނީއާއި ކޮންޓެކްޓްވި މީހުން ޓްރޭސްކުރަމުންދާއިރު، އޭނާއާއި ކޮންޓެކްޓްވި މީހުން އެވާހަކަ ހާމަނުކޮށް ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ ފެލައިނީ އަކީ އެއަރޕޯޓަށް ދަތުރު ކުރި މީހަކަށް ވާތީ މާލެ ސަރަހައްދުން ވެސް ބައްދަލުވި މީހުން ތިބެދާނެ ކަމަށާއި، އެހެންކަމުން އަމިއްލަ ރައްކާތެރި ކަމަށް އިސްކަންދީ މައުލޫމާތު ފޯރުކޮށް ދިނުމަށް އެދޭކަމަށެވެ.
ފެލައިނީ ރާއްޖެ އައިސްފައިވަނީ މިހިނގާ މާރޗް މަހުގެ 8 ގައި ކަމަށާއި، އެނބުރި ގޮސްފައިވަނީ 12 ގައި ކަމަށެވެ. އަދި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަން އެނގިފައިވަނީ މިހިނގާ މާރޗް މަހުގެ 20 ގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. 14 ދުވަހަށް ބަލައިފި ނަމަ އެނާ އަށް ކޮވިޑް-19 ޖެހުނު ކަމަށް ބެލެވޭ ތާރީޚަކީ މި މަހުގެ 6 ވަނަ ދުވަސް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ނަމަވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ކްލޯޒް ކޮންޓެކްޓެއް ގޮތަށް އައިޑެންޓިފައި ކުރެވުނު ފަރާތެއް އައިސޮލޭޝަނަށް ގެންދެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްތައް ކުރިއަށްދާ ވަރަކަށް ތަފުސީލުތައް ދެއްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ފެލައިނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު އޭނާއަކީ ޗައިނީސް ސުޕަރ ލީގުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ފުރަތަމަ ކުޅުންތެރިޔާއެވެ.