ކުރު މުއްދަތަކަށް ސިންގަޕޫރަށް ދަތުރުކުރާ މީހުން އަދި ޓްރާންސިޓްވާ އެ ޤައުމަށް ވަނުން މަނާކުރުމަށް ނިންމައިފިއެވެ.
ސިންގަޕޫރުން ސަރުކާރުން ނިންމާފައިވަނީ ކުރު މުއްދަތަކަށް އަންނަ މީހުން އެ ޤައުމަށް ނުވެއްދުމަށެވެ. އަދި އެ ޤައުމުގައި ޓްރާންސިޓް ވާން އަންނަ މީހުން ވެސް ވަނުން މަނާކުރުމަށް އެ ޤައުމުން ވަނީ ނިންމާފައެވެ. މިގޮތަށް އަމަލު ކުރުމަށް ނިންމާފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް, އެ ޤައުމުގެ ރައްޔިތުން މި ބަލިން ރައްކާތެރިކުރުމަށްޓަކައި ކަމަށް ސިންގަޕޫރު ސަރުކާރުން ބުނެއެވެ. މި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ހޯމަ ދުވަހުން ފެށިގެންނެވެ.
ސިންގަޕޫރުގައި މިހާތަނަށް 432 މީހަކަށް މި ބަލި ޖެހިފައިވާއިރު މަރުވެފައިވަނީ 2 މީހުންނެވެ. އަދި 140 މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ.
ކޮވިޑް–19 ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތަށް ބަލާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔު.އެޗް.އޯ އިން ބުނެފައިވަނީ ސިންގަޕޫރަކީ ދުނިޔެއަށް އޮތް ނަމޫނާ އެއް ކަމަށެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު ސިންގަޕޫރުން މި ބަލި ފެނިފައިވަނީ 80 އިންސައްތަ ކޭސްތަކަކީ އިމްޕޯޓަޑް ކޭސްތަކެވެ.