ކޮވިޑް-19އާ ގުޅިގެން މީހުން ކަރަންޓީން ކުރުމަށް ރާއްޖޭގެ އިތުރު ހަތަރު ރިސޯޓެއް ހަމަޖައްސައިފިއެވެ.
ހޮނިހިރު ދުވަހު ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ބޭނުންކުރުމަށް އިތުރު ހަތަރު ރިސޯޓު ހަމަޖެހިފައިވާ ކަމަށާއި، އެއްވެސް ރިސޯޓަކަށް ސަރުކާރުން ކުލި ދައްކަން ނުޖެހޭ ކަމަށެވެ. މިހަތަރު ރިސޯޓު ހަމަޖެހިގެންދިޔައީ އެރަށްތައް ކުއްޔަށް ހިފާއިވާ މީހުން މިކަމަށް އިސްނެގުމުންކަން ވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.
މީހުން ކަރަންޓީން ކުރުމަށް ހަމަޖެހުނު ހަތަރު ރިސޯޓަކީ މަލަހިނި ކުޑަބަނޑޮސް (ކ. ކުޑަބަނޑޮސް)، ބިޔާދޫ އައިލެންޑް ރިސޯޓު (ކ. ބިޔާދޫ) އަދި ނަކަތް ދިއްގިރި (ވ.ދިއްގިރި) އަދި ހޮލިޑޭ އައިލެންޑް ރިސޯޓު (އދ. ދިއްފުށި) އެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ ރިސޯޓުތަކަށް ދައުލަތުންދާނެ ހަރަދަކީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން ކުރާ ހަރަދުތައް ކަމަށެވެ. އެއީ އެތަންތަނުގައި ކަރަންޓީން ކުރެވޭ މީހުންގެ ކެއުމާއި ބުއިމާއި ފެނާއި ކަރަންޓަށް ދެވޭ ޚިދުމަތްތަކަށްދާ ފައިސާ ކަމަށެވެ.
ހަތަރު ރިސޯޓުތަކުގެ އިތުރުން އައިސޮލޭޝަނާއި ކަރަންޓީނު ފެސިލިޓީގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަނީ ހުޅުލެ އައިލެންޑް ހޮޓެލްއާއި ފަން އައިލެންޑް ރިސޯޓު، ވެލިދޫ އައިލެންޑް ރިސޯޓު އަދި ކ. ވިލިވަރު ފެސިލިޓީއެވެ.