ކޮވިޑް-19 އާއި ގުޅިގެން މިސްކިތްތައް ބަންދުކުރީ، ބައެއް މިސްކިތުގައި ހުރި ކާޕެޓް ނެގުމަށް ކަމަށާއި އެގޮތުން ބަންދުކުރި މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ހުޅުވާފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ،
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) ރާއްޖެއިންފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، މާލެ ޞަރަޙައްދުގެ ހުރިހާ މިސްކިތްތަކާއި ރިސޯޓުތަކުގައި، ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން މި މަހުގެ 18 ވަނަ ދުވަހު އަންގާފައިވާއިރު، އެކަމާއި ގުޅިގެން ބައެއް މިސްކިތްތަކުގައި ތަޅުއަޅުވާފައިވާ މައްސަލައާއި ގުޅިގެން ޢާންމުންގެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ، އެގޮތަައް ކާޕެޓް ހުރި ބައެއް މިސްކިތްތައް ބަންދުކޮށްފައިވާނެކަމަށާއި އަދި މީހުން އެއްވެ އުޅުން ކުޑަކުރުމަށް ބައެއް މިސްކިތްތަކުގައި ފެންވެސް ކަނޑާފައިވާނެކަމަށެވެ. މިކަން ތަފުޞީލުކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ، ބަންދުކޮށްފައިވަނީ ކާޕެޓް އަޅާފައިހުރި މިސްކިތުގައި ކާޕެޓް ނެގުމުގެ މަސައްކަތައްކަމަށެވެ. އަދި ސިޓީ ކައުންސިލާއި ގުޅިގެން މިހާރު ފެނުގެ ޚިދުމަތް ކަނޑާފައިވާ ތަންތާނގަ އަލުން ފެންގުޅާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބަންދުކޮށްފައިވާ މިސްކިތެއްނަމަ އެކަން ކޮށްފައިވަނީ ތަށިމުށި ނުޖަހައި ކާޕެޓް އަޅާފައި ހުރި މިސްކިތްތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބަންދުކޮށްފައި ހުރި މިސްކިތްތަކުގެ މުށި ޖަހާފައި ހުރި ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށް އިސްލާމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 18 މާރޗް 2020 ވީ ބުދަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން 28 މާރޗް 2020 ވާ ހޮނިހިރުދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ހުރިހާ ރިސޯޓުތަކެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވަނީ ކޮވިޑް-19 ރާއްޖެއިންފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުންނެވެ.
ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލި ނަމަވެސް، މިސްކިތްތަކައް މީހުން އަރާ ނަމާދުކުރުން މަނާކޮށްފައެއް ނުވެއެވެ.