ހަލުވިކަމާއިއެކު ކޮވިޑް-19 ފެތުރެމުންދާތީވެ އަވަށްޓެރި ސްރީލަންކާގައި ކާފިޔު އިއުލާންކޮށްފިއެވެ.
ލަންކާގެ ރައީސްގެ އޮފީހުން ބުނެފައިވާ ގޮތުން ކާފިޔު ހިންގުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު ލަންކާ ގަޑިން ހަވީރު ހަޔަކުން ހޯމަ ދުވަހުގެ ހެނދުނު ހަޔަކަށް ކަމަށެވެ. ބުދަ ދުވަހު އެގައުމުން ވަނީ ހަލުވި މިނުގައި ވައިރަސް ފެތުރޭ ހިސާބުތަކުގައި ކާފިއު އިއުލާންކޮށްފައެވެ. އެ ސަރަހައްދުތަކަކީ އިޓަލީން މީހުން އައިސްއުޅޭ ސަރަހައްދުތަކެވެ. ކާފިއު އިއުލާން ކޮށްފައިވާ ގަޑިތަކުގައި ގޭތެރޭގައި ތިބުމަށް ލަންކާ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަނެއްކޮޅުން ސްރީލަންކާގެ ހުރިހާ އެއަރޕޯޓެއް ބުރާސްފަތި ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ބަންދުކުރުމަށް އެގައުމުގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ވަނީ އަންގަވާފައެވެ.
ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓްތައް ޖެއްސުން ބުދަ ދުވަހުން ފެށިގެން ދެ ހަފުތާ އަށް ވަނީ މަނާކޮށްފައެވެ. ލަންކާގެ އެއަރޕޯޓްތައް ބަންދުކުރި ނަމަވެސް ބައެއް ހާލަަތްތަކުގައި ބައެއް ކަހަލަ ފްލައިޓްތައް ޖެއްސުން ހުއްދައެވެ. އަދި ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ލަންކާ އިން މިހާރު ވަނީ ބައެއް ގައުމުތަކުން މީހުން އެތެރެވުން މަނާކޮށްފައެވެ.