މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ޖަރުމަން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން 2.5 މިލިއަން ޔޫރޯ ހަދިޔާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޖަރުމަންގައި ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހާއްސަ ވެބްސައިޓެއް ހަދައިފައެވެ. މި ވެބްސައިޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށާއި އެހީ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޖަރުމަން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ވަނީ އެ ވެބްސައިޓް މެދުވެރިކޮށް 2.5 މިލިއަން ޔޫރޯ ހަދިޔާ ކޮށްފައެވެ. އެ ފައިސާ ހަދިޔާކުރި ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު މެނުއެލް ނޯޔާ އާއި ޑިފެންޑަރު ޖޯޝުއާ ކިމިޗް ހިމެނެއެވެ.
ޖަރުމަން ކުޅުންތެރިންގެ އިތުރުން ކޮރޯނާވައިރަސް (ކޮވިޑް-19) އިން ސަލާމަތްވުމަށް ފުޓްބޯޅަ އެކި ތަރިން އަންނަނީ އެހީތައް ވަމުންނެވެ. އެގޮތުން ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ވަނީ އަމިއްލަ ގައުމު ކަމަށްވާ ސެނެގާލްގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ހަނގުރާމަކުރުމަށް އެ ގައުމުން ކަނޑައަޅާފައިވާ ގައުމީ ކޮމިޓީއަށް 45،000 ޔޫރޯ ހަދިޔާކޮށްފައެވެ. އޭގެ އިތުރަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުން އެ ގައުމުގެ ރައްޔިތުންނަށް ހިތްވަރުދީ ހާއްސަ މެސެޖެއްވެސ ދީފައެވެ.
މާނޭގެ އިތުރުން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، އާޖެންޓީނާގެ ލިއޮނެލް މެސީ އަދި ފްރާންސްގެ ޕައުލް ޕޮގްބާވެސް މީގެ ކުރިން ވަނީ ސަޕޯޓަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން މެސެޖުތައް ނެރެފައެވެ.
މީގެ އިތުރުން ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ހަނގުރާމަކުރުމަށް ފީފާއިން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ހުށަހަޅާނެ ކަމަށް އެ އިދާރާގެ ރައީސް ޖިއަނީ އިންފަންޓީނޯވެސް ވަނީ ވިދާޅުވެފައެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ.