ކ. މާލެ
|
18 މާރޗް 2020 | ބުދަ 13:08
ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ
ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ
ފީފާ
ކޮރޯނާވައިރަސް (ކޮވިޑް-19)
ފީފާއިން ޑަބްލިއުއެޗްއޯއަށް 10 މިލިއަން ޑޮލަރުގެ ބޮޑު އެހީއެއް ދޭން ހުށަހަޅަނީ
ފީފާއިން 10 މިލިއަން ޑޮލަރު ޑަބްލިއުއެޗްއޯއަށް ދޭން ހުށަހަޅާނީ ބުދަ ދުވަހު ބާއްވާ ކައުންސިލް ބައްދަލުވުމުގައި
ކޮވިޑް-19 ގެ ސަބަބުން ގެއްލުން ލިބިފައިވާ ފުޓްބޯޅަ ކުޅުންތެރިންނާއި އާއިލާއަށް އެހީވުމަށް ފަންޑެއް ހުޅުވާނެ

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ހަނގުރާމަކުރުމަށް ފީފާއިން މެދުވެރިކޮށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ހުށަހަޅާނެ ކަމަށް އެ އިދާރާގެ ރައީސް ޖިއަނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

ޔުއެފާއާއި ކޮންމެބޯލްއިން އަންގާރަ ދުވަހު ނިންމި ނިންމުންތަކަށް ފީފާއިން ތާއިދުކޮށްފައިވާއިރު، ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ ބުދަ ދުވަހު ބާއްވާ ކައުންސިލް ބައްދަލުވުމުގައި ފީފާ މެދުވެރިކޮށް ޑަބްލިއުއެޗްއޯއަށް 10 މިލިއަން ޑޮލަރުގެ އެހީއެއްދޭން ހުށަހަޅާނެ ކަމަށެވެ. މީގެ އިތުރުން އިންފަންޓީނޯ ވިދާޅުވީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ގެއްލުން ލިބިފައިވާ ފުޓްބޯޅަ ކުޅުންތެރިންނާއި އާއިލާއަށް އެހީވުމުގެ ގޮތުން ގްލޯބަލް ފުޓުބޯލް އެސިސްޓެންސް ފަންޑެއް ހުޅުވުމަށް ހުށަހަޅާނެ ކަމަށެވެ.

އިންފަންޓީނޯ އިތުރަށް ވިދާޅުވީ ދުނިޔެއަށް މިހާރު ދިމާވެފައި މިވަނީ ދަތި ހާލަތެއް ކަމަށާއި އެހެންކަމުން މި ދުވަސްވަރު ދުނިޔޭގެ އެންމެންއަށް އެހީތެރިވުމަކީ މުހިންމުކަމެއް ކަމަށާއި ބޭނުންވަނީ ކޯޕަރޭޝަންތަކުން އިސްނަގައިގެން މިކަމަށް ތެދުވުން ކަމަށެވެ. އަދި މިފަދަ ކާރިސާތަކުގައި އެންމެން އެކުވެ އެކައްޗެއް ކިޔަން ޖެހޭ ކަމަށެވެ.

ފީފާއިން ވަނީ މީގެ ކުރިން ޑަބްލިއުއެޗްއޯއާ ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ވީޑިއޯއެއް ނެރެފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، މިހާތަނަށް މިވައިރަސްގެ ސަބަބުން ބައެއް ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ކްލަބުތަކުގެ އޮފިޝަލުން ވަނީ މިވައިރަހަށް ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން ޔޫރަޕްގެ ބޮޑު ފަސް ލީގު ފަސްކޮށްފައިވާއިރު، ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް ވަނީ ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް