އިންޑިއާއިން ރާއްޖެއަށް އައި އާއިލާއެއްގައި ހިމެނޭ ކުޑަކުއްޖެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އައްޑު ސިޓީ ހިތަދޫގެ ގެއެއް ކަރަންޓީން ކޮށްފިއެވެ.
މި ކުއްޖާއަކީ 10 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. އަދި އޭނާގެ ގައިގައި ހުމުގެ އަލާމާތް ހުރިކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ނެރުއްވާފައިވާ އެންގުމެއްގައިވަނީ ކޮވިޑް-19 އިން ރައްކާތެރިކުރުމަށް ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން ސ. ހިތަދޫ ނައިލޯނުގެ ކަރަންޓީން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ނައިލޯނުގެ، ސ. ހިތަދޫ ގައި މިވަގުތު ހުރި ފަރާތެއްގެ ކިބައިން، ކޮވިޑް-19 އަށް ޝައްކު ކުރެވޭ ޢަލާމާތްތަކެއް ފެނުމާ ގުޅިގެން ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން ނައިލޯނުގެ، ސ، ހިތަދޫ އަކީ މި ލިޔުން ނެރެފައިވާ ވަގުތުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ނުވަތަ އިތުރު އެންގުމެއް އަންގަންދެން ބަންދުކުރެވިފައިވާ ތަނެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
އަދި އެތަނުގައި މި ވަގުތު ތިބި އެއްވެސް ބަޔަކު ވަކިގޮތެއް އަންގަންދެން ތަނުން ބޭރަށް ދިއުމާއި، ހުއްދަނެތި އެއްވެސް މީހަކު ތަނަށް ވަނުން މަނާކުރެވިފައިވާތީ، އެފަދައިން އެކަން ހިނގާނެ ގޮތެއްގެ މަތިން އެ ތަނުގެ އިންތިޒާމުތައް އަންގާރަ ދުވަހުގެ ހަވީރު 3:20 އިން ފެށިގެން ހަމަ ޖެއްސުމަށް ގޭގެ ވެރިފަރާތަށް ވަނީ އަންގާފައެވެ. އަދި، މިކަމުގައި ގޭގެ ވެރިފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅާ އަންގައިދިނުމަށް ވަނީ އެދިފައެވެ.