އައްޑޫ ސިޓީގެ ސައުތް ޕާމް ރިސޯޓުން މުވައްޒަފަކު ފަތާފައި އައްޑޫ ސިޓީގެ މީދުއަށް އެރި މައްސަލާގައި 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި މީހާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ އައްޑޫ ސިޓީގެ މީދޫ ކޯޓުންކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އަންގާރަ ދުވަހުގެ ހެނދުނު ބުނެފައިވަނީ މިކަން ހިނގާފައިވަނީ މާރޗް މަހުގެ 16 ވަނަ ދުވަހު ގެ 13:55 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައި ވަނީ އޭނާ ހެލްތު ސެންޓަރަށް ގެންގޮސް ޑޮކްޓަރަށް ދައްކާ ނުރައްކަލެއް ނެތްކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން އެރުން ވަނީ މަނާކޮށްފައެވެ. ފުލުހުން ބުނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ނެރެފައިވާ އެންގުންތައް ތަންފީޒު ކުރުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމުގެ ޔަޤީންކަން ދޭންކަމަށެވެ.
ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން މާރޗު 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.
ރިސޯޓު މުވައްޒަފުންގެ ތެރެއިން ރިސޯޓުން އަރާ ފޭބުމުގެ ހުއްދަ އޮންނާނީ ފަތުރުވެރިން ފުރުވަން އެއަރޕޯޓަށް ގެންދަން ޖެހޭ ޙާލަތްތަކުގައި އެކަމަށް ދާ މުވައްޒަފުން އެކަންޏެވެ. އެ މުވައްޒަފުވެސް އަނބުރާ ރިސޯޓަށް ދާންޖެހެއެވެ.
މީގެ އިތުރުން ރިސޯޓުތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސޯޓުތަކުގެ ޖެޓީއަށް ފޭބުމުގެ ހުއްދަ އޮތް ނަމަވެސް އެ މަސައްކަތުގައި އުޅޭ މީހަކު ރިސޯޓަކަށް އެތެރެވެފައިވާނަމަ، އެމީހަކަށް ރިސޯޓުން ފޭބުމުގެ ހުއްދަ ނޯންނާނެއެވެ.