ކޮވިޑް-19 ގެ ސަބަބުން އާމްދަނީ ހޯދުމަށް ދަތިވެ ކަންބޮޑުވުން ފާޅުކުރަމުން ދާތީ ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ހޯދުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓާރ އޮފް އަރޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމަށް ފަންނާނުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ. އަދި މިދަތި އުނދަގޫ ވަގުތުގައި ފަންނާނުންގެ ކެތްތެރި ކަމަށް ވެސް ޝުކުރުދަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ މިމޭރުމުން ޓްވީޓްކުރައްވާފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ހީނަރުވެ ރިސޯޓްތަކަށް މިޔުޒިކް ކުޅެންދާ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖޭގެ އެއްވެސް ރިސޯޓަކަށް އަރާ ފޭބުން ދެ ހަފްތާގެ މުއްދަތަށް ވަނީ މަނާކޮށްފަ އެވެ.
އަނެއްކޮޅުން ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރެމުންދާއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން މަދުވެފަ އެވެ. އެގޮތުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ 16 މަރޗްގައި ރާއްޖެއަށް އައިސްފައިވަނީ 1609 މީހުން ކަމަށެވެ. އެވްރެޖްކޮށް މިދުވަސްވަރު ރާއްޖެއަށް 5000 ފަތުރުވެރިން ޒިޔާރަތްކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.