ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައިގެ ތެެރެއިން 20 އިންސައްތަ އުނިކޮށް، ހަފުތާއެއްގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ނިންމައިފިއެވެ.
އަންގާރަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވާއިރު މިވަގުތު ސިޔާސީ މަގާމުތަކުގައި 785 މީހަކު އެބަތިއްބެވެ. މިއެންމެންގެ މުސާރައަށް މިއަހަރުގެ ބަޖެޓްގައި 331،718،861 މިލިއަން ރުފިޔާ ޚަރަދުވެ އެވެ. އެއީ މަހެއްގެ މައްޗަށް 27,643,238.4 މިލިއަން ރުފިޔާއެވެ.
އެހެންކަމުން 20 އިންސައްތައަށް އުނިކުރާނަމަ އެއީ 5,528,647.6 މިލިއަން ރުފިޔާގެ ކުޑަ ކުރުމެކެވެ. އެހެންކަމަށްވާނަމަ މިހާރު މިއެޅި ފިޔަވަޅާއެކު 55,286,480 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ އެވެ.
މީގެކުރިން ސަރުކާރުން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން 1 ބިލިއަން ރުފިޔާ ކުޑަކުރުމަށް މަސައްކަތްކުރައްވާނެ ކަަމަށެވެ.
މީގެއިތުރުން ކެބިނެޓުން ވަނީ މަރޗް މަހުގެ 19 އިން 26 ށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމާފަ އެވެ.
ޚަރަދުކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ސިޔާސީ މީހުންގެ މުސާރަ ކުޑަކުރުމަށް ނިންމާފައިވާއިރު ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ވައިރަހާ ގުޅިގެން އިގްތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެެއް އަންނާނެ ކަމަށެވެ. އެގޮތުން ލިބޭ އާމްދަނީ 6.9 ބިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނީ، 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސަންޓާ ދެމެދުގެ މިންވަރެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ސާކް ގައުމުތަކުގެ ވެރިންނާއެކު ބޭއްވި ޓެލެކޮންފަރެންސްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ފަތުރުވެރިކަން ދަށްވެ، ބޭރުފައިސާގެ އާމްދަނީން 450 މިލިއަން ޑޮލަރު މަދުވެގެންދާނެ ކަމަށެވެ. އަދި މި ވަގުތު ލަފާކުރެވޭ ގޮތުގައި ސަރުކާރުގެ އާމްދަނީގެ 135.9 މިލިއަން ޑޮލަރާ 446.9 މިލިއަން ޑޮލަރުގެ ގެއްލުމެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.