ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ބޮލީވުޑްގެ ގިނަ ފިލްމްތަކެއް ޝޫޓިންތައް ވަނީ ކެންސަލް ކޮށްފައެވެ.
އިންޑިއާގެ ގިނަ ތިއޭޓަރުތައް ބަންދުކޮށްފައިވާއިރު އެކަމުގެ ސަބަބުން ބޮލީވުޑަށް 800 ކްރޯޑް ރުޕީސްގެ ގެއްލުމެއް ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
މުމްބާއީ މިރަރގައި ރިޕޯޓުކޮށްފައިވާ ގޮތުން އިންޑިއާގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ސިނަމާތައް ވަނީ މިހިނގާ މާރޗް މަހުގެ 31 ގެ ނިޔަލަށް ބަންދު ކޮށްފައެވެ.
އެގޮތުން އެ ގައުމުގެ 3500 އެއްހާ ސްކްރީން ވަނީ ބަންދުކޮށްފައެވެ.
މިހިނގާ މާރޗް މަހުގެ 6 ގައި ރިލީޒްކުރި ފިލްމު "ބާޣީ3" އަށް ހަފުތާއެއްގެ ތެރޭގައި ލިބިފައިވަނީ 90.67 ކްރޯޑް ރުޕީސް އެވެ. އަނެއްކޮޅުން އިރްފާން ޚާންގެ ފިލްމު "އަންގްރޭޒީ މީޑިއަމް" އަށް ފިލްމު ރިލީޒް ކުރިތާ ތިން ދުވަސް ތެރޭގައި ލިބިފައިވަނީ 9.5 ކްރޯޑް ރުޕީސް އެވެ.
ޓްރޭޑް އެނަލިސްޓް ކޯމަލް ނެހެތާ ބުނެފައިވާގޮތުން "ބާޣީ3" އަށް ވަނީ 25-30 ކްރޯޑްގެ ގެއްލުމެއް ލިބިފައެވެ. އަދި ތިއޭޓަރުތައް ބަންދު ކުރުމުގެ ސަބަބުން ހަފުތާ ބަންދުގައި "އަންގެރޭޒީ މީޑިއަމް" ލިބޭ އާމްދަނީވެސް އިތުރަށް ކުޑަވެގެންދާނެ ކަމަށް އެނާ ވަނީ ބުނެފައެވެ.
ފިލްމުތައް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ދުވަސްތައް ފަސްކުރުމާއި ފިލްމު ތަކުގެ ޝޫޓިނަތައް ފަސް ކުރަން ޖެހުމުން ހިންދީ ފިލްމު އިންޑަސްޓްރީ އަށް 800 ކްރޯޑްގެ ގެއްލުމެއް ވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ކޮވިޑް-19 އާ ގުޅިގެން ރިލީޒް ކުރުން ފަސްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ބްރަމާސްތްރާ، ސޫރްޔަވަންޝީ، ވިކީ ކައުޝަލްގެ އުދަމް ސިންގް ބައޯޕިކް، ޖޭމްސް ބޮންޑްގެ ނޯޓައިމް ޓު ޑައި އަދި ފާސްޓް އެންޑް ފިއުރިއަސް-9 ވަނީ ފަސްކުރެވިފައެވެ.
ސޫރްޔަވަންޝީ ރިލީޒް ކުރާނެ ދުވަހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ފާސްޓް އެންޑް ފިއުރިއަސް ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އެޕްރީލް މަހުއެވެ. ވިކީ ކައުޝަލްގެ ފިލްމް ވެސް ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީގައެވެ.
ކޮވިޑް-19 އާ ގުޅިގެން ޝޫޓިންތައް ފަސްކުރަން ނިންމާފައިވާ ފިލްމު ތަކުގެ ތެރޭގައި ޖާޒީ، ބޫލް ބުލައްޔާ2" ބްރަމާސްތްރާގެ ޝޫޓިންތައް ވަނީ ކެންސަލް ކޮށްފައެވެ.