ކ. މާލެ
|
16 މާރޗް 2020 | ހޯމަ 19:46
ދުނިޔޭގެ އެކިހިސާބުތަކުން ކޮވިޑް-19 އަންނަނީ ފެންނަމުން
ދުނިޔޭގެ އެކިހިސާބުތަކުން ކޮވިޑް-19 އަންނަނީ ފެންނަމުން
ގޫގުލް
ކޮވިޑް-19
ކޮވިޑް-19: ދުނިޔޭގެ ހާލަތު
މިހާތަނަށް މިވައިރަސް ޖެހިގެން 6000 ށް ވުރެ ގިނަ މީހުން ވަނީ މަރުވަފައި
ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 170،000 ށް ވުރެ މަތިވެފައި

ކޮވިޑް-19 ގެ ދުނިޔޭގެ މިވަގުތުގެ ހާލަތަށް ބަލާލާއިރު ފްރާންސް އާއިސްޕެއިން އަދި އިޓަލީ މިވަނީ އެގައުމުތަކުގެ އެތައް މިލިއަން ރައްޔިތުންނެއް ގައުމުތަކުގެ ތެރޭގައި ބަންދުކޮށް ލޮކްޑައުންކޮށްފަ އެވެ. އޮސްޓްރޭލިއާ އިން ވަނީ އެގައުމަށް އަންނަ ބޭރުގެ ފަރާތްތައް ސެލްފް އައިސޮލޭޝަނަކަށް ދިޔުމަށް އެދިފަ އެވެ. އަދި އިތުރު ގައުމުތަކުން އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ގައުމުތަކަށް އަރާ ފޭބުން މަނާކުރަމުންނެވެ. އެތައް ގައުމުތަކުން އަންނަނީ ބޮޑެތި އިވެންޓްތަކާއި ކުޅިވަރު، ޘަގާފީ އަދި ދީނީ ހަރަކާތްތައް ބޭއްވުން މަޑުޖައްސާލަމުންނެވެ.

މަރުވާ މީހުންނާއި ވައިރަސް ޖެހޭ މީހުން:

މުޅިދުނިޔޭގައި މިވަގުތު އެއްލައްކަ ހަތްދިހަހާހަށް ވުރެ ގިނަ މީހުންނަށް މިވައިރަސް ޖެހިފައިވާއިރު މިހާތަނަށް އާއިރު މިވައިރަސް ޖެހިގެން ހަހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މިވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން މިވައިރަސް އަށްޑިހާހަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފަ އެވެ. އެހެންނަަމަވެސް ފާއިތުވި 20 ދުވަހު ޗައިނާއިން މިވައިރަސް ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަނީ ދަށަށްގޮސްފަ އެވެ.

އެމެރިކާ:

ދުނިޔޭގެ އެންމެ ބޮޑު އެއް ބާރުކަމަށްވާ އެމެރިކާގެ ހާލަތަށް ބަލާލާއިރު އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިވައިރަސް އަށް ނެގެޓިވް ވެފަ އެވެ. ވައިރަސްއަށް ޓެސްޓް ކުރެވޭނެ ލިމިޓެޑް ޓެސްޓް ކިޓާއެކު އެގައުމުގައި މިހާތަނަށް ވައިރަސް ޖެހިފައިވާކަމަށް މިހާތަނަށް 3800 މީހުން ވަނީ ރިކޯޑްކޮށްފަ އެވެ. އަދި މިހާތަނަށް އެގައުމުން 69 މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. ޔޫރަޕްގެ ގައުމުތަކުގައި ވައިރަސް ފެތުރެން ފެށުމާއެކު ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

ޔޫރަޕް:

ޔޫރަޕްގެ ގައުމުތަކަށް ބަލާލާއިރު ކަންބޮޑުވާ މިންވަރަށް މިވައިރަސް ފެތުރެމުން އަންނަނީ އިޓަލީގަ އެވެ. އިޓަލީން އާދިއްތަ ދުވަހު އެކަނިވެސް 368 މީހުންނަށް މިވައިރަސް ވަނީ ޖެހިފަ އެވެ. އެގައުމުގައި މިހާތަނަށް މިވައިރަސް ޖެހިގެން 1809 މީހުން ވަނީ މަރުވަފަ އެވެ. ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 24،000 ށް ވުރެ މައްޗަށް އަރާފަ އެވެ. ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އިޓަލީ ވަނީ ލޮކްޑައުންކޮށްފަ އެވެ.

ފްރާންސަށް ބަލާއިރު އެގައުމުގެ ހޮޓާތަކާއި ރެސްޓޯރެންޓްތައް އަދި އާންމުން އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ. މިހާތަނަށް ފްރާންސްގައި 5000 ށް ވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. އަދި 127 މީހުން ވަނީ އެގައުމުގައި މަރުވެފަ އެވެ.

ޗެކްރިޕަބްލިކުން ވަނީ ހޯމަ ދުވަހުން ފެށިގެން ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން މަސައްކަތް ކުރުމަށާއި ޒަރޫރީ ބޭނުންތަކަށް ތަކެތި ގަތުމަށް އަދި މިނޫންވެސް ޒަރޫރީ ބޭނުންތަކަށް ނޫނީ އެގައުމުގެ ރައްޔިތުންނަށް ބޭރަށް ނުނިކުމެވޭނެކަމަށް ވަނީ ބުނެފަ އެވެ.

އޮސްޓްރި އާއިންވެސް ވަނީ އާންމުން އެއްވެ އުޅޭތަންނަނާއި ފަސް މީހުންނަށް ވުރެ ގިނައިން އެއްވާ އެއްވުންތައް ބޭއްވުން މަނާކޮށްފަ އެވެ. އަދި ގައުމަށް އެތެރެވާ މީހުން ސެލްފް އައިސޮލޭޓް ކުރާނެކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ސްލޮވޭނިއާއިން އަންގާރަ ދުވަހުން ފެށިގެން ވައިގެ ދަތުރުތައް އެއްކޮށް ހުއްޓާލުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ސްޕެއިން ގައިވެސް ވަނީ މީހުން ބޭރަށް ނިކުމެ އުޅުން މަނާކޮށްފަ އެވެ. އެގައުމުން މިހާތަނަށް 7000 ށް ވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ.

ނެދަރލެންޑުން އަންނަނީ ސްކޫލްތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތައް އަދި ސްޕޯޓްސް ކްލަބްތައް ބަންދުކުރުމަށް ތައްޔާރުވަމުންނެވެ. އާދިއްތަ ދުވަހުން ފެށިގެން މިފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތް އިން ވަނީ އުމުރުން ދުވަސްވީ މީހުން ވަކިކޮށް ކޮވިޑް-19 އަށް ފަރުވާ ހޯދާ ކޮންމެ މީހެއް ކަރަންޓީނުކުރަމުންނެވެ.

ޖަރމަނީން ވަނީ އިޓަލީ، ސްވިޒެލަންޑް އަދި އޮސްޓްރިއާއިން އަންނަ ފަރާތްތައް ދެ ހަފްތާ ވަންދެން ސެލްފް އައިސޮލޭޓް ކުރަމުންނެވެ.

އޭޝިޔާ:

އޭޝިޔާގެ ގައުމުތަކަށް ބަލާލާއިރު ޗައިނާއިން އަންނަނީ ބޭރުން އަންނަ މީހުން ޗެކް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންނެވެ.

ސައުތުކޮރެއާއިން ވަނީ ހޯމަ ދުވަހު މިވައިރަސް އަލަށް 74 މީހަކަށް ޖެހިގެން ރިޕޯޓްކޮށްފަ އެވެ. މިހާތަނަށް އެގައުމުން 8،236 މީހުންނަށް ވަނީ ޖެހިފަ އެވެ.

ޖަޕާނުން މިހާތަނަށް މިވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 800 ށް ވުރެ މައްޗަށް އަރާފަ އެވެ.

އޮސްޓްރޭލިއާއިން އަންނަީ ގައުމަށް އެތެރެވާ ފަރާތްތައް 14 ދުވަހުގެ ސެލްފް އައިސޮލޭޝަންގައި ބައިތިއްބަމުންނެވެ. އޮސްޓްރޭލިއާގެ މައިރަށުގައި ވަނީ ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފަ އެވެ. އަދި ކޮންމެހެން ދާންޖެހޭ ތާކަށްނޫނީ ނުދިޔުމަށް އެގައުމުގައި ވަނީ އިރުޝާދުދީފަ އެވެ.

ފިލިޕީންސްގައި މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އެއްދުވަހާ 4 ށް އެރުމާއެކު އެގައުމުގައިވެސް ވަނީ ކޮމިޔުނިޓީ ކަރަންޓީނު ކޮށްފަ އެވެ.

މެދުއިރުމައްޗާއި އެފްރިކާ:

މެދުއިރުމައްޗަށް ބަލާއިރު އުރުދުންގައި ވަނީ އަލަށް މިވައިރަސް 12 މީހުންނަށް ޖެހިފަ އެވެ.

ގަލްފުގެ ގައުމުތަކުގައި ވަނީ ދަތުރުފަތުރުކުރުން މަނާކޮށް ބޭރަށް ނިކުމެ އުޅުން މަނާކުރަމުންނެވެ.

ކުޅިވަރު:

ކޮވިޑް-19 އާ ގުޅިގެން ބޮޑެތި ކުޅިވަރު މުބާރާތްތަކާއި ފުޓްބޯޅަ މެޗް ތައް އަންނަނީ ކެންސަލްކުރަމުންނެވެ. އެގޮތުން ޓޯކިޔޯގައި މިއަހަރު އޮންނަ އޮލިމްޕިކްސް ފެށުން އޮންނާނީ ހުސް ސްޓޭޑިއަމެއްގައި މީހުންނަށް ނުވަދެވޭގޮތަށް ކަމަށް ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އޮލިމްޕިކްސް އޮންނާނެކަމަށް އެގައުމުން ވަނީ ބުނެފަ އެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ވަނީ ފަސްކޮށްފަ އެވެ.

- ކޮމެންޓް