ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން މުއްދަތެއް ނެތްގޮތަށް ފަސްކުރުމުގެ އަމުރަކަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ތަދައްޚުލުވުމަށް ނިންމައިފިއެވެ.
މި މައްސަލަ ހައިކޯޓަށް ހުށައެޅީ އިލެކްޝަންސް ކޮމިޝަނުންނެވެ. މިކަން އިއުލާންކުރައްވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މި ވަގުތު ހާލަތަށް ރިއާޔަތްކޮށް އިންތިހާބުގެ ވޯޓުލުން ކުރިން ކަނޑައަޅާފައިވާ ތާރީހުގައި ކުރިއަށް ގެންދިއުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތް ތާރީހަކީ އެޕްރިލް މަހުގެ 4 އެވެ. ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު ބާއްވާ ތާރީހު އެޕްރިލް 18 އަށް ބަދަލުކޮށްފައެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހައިކޯޓަށް އެ މައްސަލަ ވައްދާފައިވާއިރު، އެ މައްސަލައިގެ ތެރެއަށް ސިޔާސީ ޕާޓީތަކުން ތަދައްހުލު ވާނެ ކަމަށް ބެލެވެއެވެ. ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ އިންތިހާބުގެ ވޯޓުލުން އެކަނި ފަސްކުރަން ހުށައެޅީ، މިހާރު ކޮށްފައިވާ ހަރަދުތައް އަލުން ބަލުން ނުކުރަން ކަމަށެވެ.
މި މައްސަލައިގެ ތެރެއަށް ތަދައްހުލުވާން ނިންމާ އެކަން ހާމަކުރުމުގެ ގޮތުން ސީއެސްސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި މިހާރު ފެތުރެމުންދާ "ކޮވިޑް-19" ރޯގާއާ ގުޅިގެން ލޯކަލް ކައުންސިލްގެ އިންތިޚާބު 2020 ފަސްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރާއްޖޭގެ ޙާލަތު ރަނގަޅުވެއްޖެކަމަށް އިޢުލާނުކުރާ ދުވަހުން ފެށިގެން އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް އެކަށީގެންވާ މުއްދަތެއް ލިބިދިނުމުގެ އަމުރަކަށް އެދި އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން އެ އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ދަށުން އަދި ދިވެހި ސިވިލް ސަރވިސްގެ ގަވާޢިދުގެ 205 ވަނަ މާއްދާގެ (ހ) ގެ ދަށުން ސަސްޕެންޑްކުރެވިފައި ތިބި މުވައްޒަފުންގެ މަސްލަޙަތު ހިމެނޭތީ، މި ކޮމިޝަނުން އެ މައްސަލައަށް ތަދައްޚުލުވުމަށް ނިންމާފައިވާކަން ޢާންމުކޮށް އަންގާ ކަމަށެވެ.
ސިވިލް ސަރވިސް ކޮމިޝަނުން މި މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓަށް ކަމަށް ބުނެފައިވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މި މައްސަލަ ހުށަހަޅާފައިވަނީ ހައިކޯޓަށެވެ. އަދި މި ކަމާ ގުޅިގެން ބަންޑާރަ ނާއިބުގެ ޤާނޫނީ ލަފަޔަކަށް ކޮމިޝަނުން އެދިފައިވާކަމަށް ވެސް ސީއެސްސީން ވަނީ ބުނެފައެވެ.