ކޮވިޑް-19 ގެ ވަބާއާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ މިވާ ހާލަތަކީ، ރާއްޖޭގެ މާލީ ދާއިރާ އިސްލާހު ކުރުމަށް ލިބުނު ފަހި ފުރުސަތެއް ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މާލީ ހާލަތު މިވަގުތު ބައްޓަންކުރެވިފައިވާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ކުރެއްވި ޓްވީޓެއްގައި ފައްޔާޒް ވިދާޅުވީ، މުޅި މާލީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ބޭނުންވާ ކަމަށެވެ. އަދި ބޭންކުތަކަށް ލިބިފައިވާ ބާރުތައް ހަނިކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި މިވަގުތު އިގްތިސާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މާލީ ދާއިރާގެ ހާލަތެވެ. މީގެ ކުރިންވެސް ފައްޔާޒް ވަނީ ބޭންކުތަކަށް ލިބިފައިވާ ބާރުތައް ހަނިކުރުމަށް ގޮވާލައްވާފައެވެ.
އެގޮތުން ފައްޔާޒް ވަނީ، މި ދަނޑިވަޅުގައި ވިޔަފާރިތަކުގެ ހިންގުން ކަށަވަރުކުރުމުގެ ގޮތުން އެމްއެމްއޭ އާއި ކޮމަރޝަލް ބޭންކުތަކުން އިންޓްރެސްޓާއި ލޯނު އަނބުރާ ދެއްކުމުގައި ފަސޭހަތަކެއް ލިބޭނެ މިންގަނޑުތަކެއް އެކުލަވާލައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިހެން ދެވޭ ލުއި ފަސޭހަތަައް ބިނާވާނީ ވަޒީފާތަކުގައި މީހުން ބޭތިއްބުމަށް ކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވަނީ އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖެއް އެކުލަވާލުމުގެ މަޝްވަރާ މިނިސްޓްރީ އޮފް ފިނޭންސްއާއި އެކު ކުރަމުންދާ ކަން އާދިއްތަ ދުވަހު ހާމަކުރައްވާފައެވެ. މިއީ ވިޔަފާރިތަކާއި މަސައްކަތްތެރީންގެ މުސްތަގުބަލު ޔަގީންކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތެކެވެ.
އޭގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމަށް މި ވަގުތަށް ބޭނުންވާނެ ފައިސާ، އެކަށީގެންވާ ރޭޓުތަކާއި ޝަރުތުތަކެއްގައި ލިބޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މިކަމުގެ ތަފްސީލްތައް ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އާއި މުޅި ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. އެގޮތުން ރާއްޖެ އެ ސިނާއަތަކަށް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން، މި އަހަރުގެ ތެރޭގައި 419 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ރައީސް ސޯލިހު ވަނީ ހާމަކުރައްވާފައެވެ.