މި ދުވަސްވަރު މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަސްއެއް ކަމުގައިވާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އިން ސަލާމަތްވުމުގެގޮތުން ބޮޑު ދުމާ ހިނގުން މަނާކޮށްފިއެވެ.
ހޯމަ ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ކޮވިޑް-19 އިން ސަލާމަތްވުމުގެ ގޮތުން ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރިން ސުރެ ޘަޤާފީގޮތުން ކުރަމުން އަންނަ ކަމެއްކަމުގައިވާ "ބޮޑުދުމާ ހިނގުން" ނުވަތަ ޖަމާޢަތެއްގައި މީހުން ތަކްބީރު ކިޔަމުން ހިނގަމުން އަންނަ ކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.
މިނިސްޓްރީން ވަނީ މިކަމަކީ ކީރިތި ރަސޫލާގެ ސުންނަތުން ޘާބިތުވާ ކަމަކަށް ނުވާތީއާއި މިދަނޑިވަޅުގައި މީހުން އެއްވެ އުޅުމަކީ ރައްކާތެރި ކަމެއްކަމުގައި ނުވާތީ އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ފަރްޟު ފަސް ނަމާދު ޤާއިމުކޮށް، ދީނީ ކަންކަމަށް އިސްކަންދީ، ޞިއްޙީ ދާއިރާތަކުން އަންގާ ގޮތަށް ޢަމަލުތައް ބަހައްޓާ އެ ނުރައްކާތެރި ވަބާއިން ރައްކާތެރިކަން ދެއްވުން އެދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އިބްތިހާލުގެ ދުޢާ ދެންނެވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.