މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮރޯނާވައިރަސް (ކޮވިޑް-19) ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، ޗައިނާއިން ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.
ކޮވިޑް-19 ގެ ހޯމަ ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ހޯމަ ދުވަހު ވަނީ ޗައިނާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 10،000 އަށް ދަށްވެފަ އެވެ. ޗައިނާގެ ވޫހާން ސިޓީން ފެނުނު މިވައިރަސް މުޅި ޗައިނާއާއި ދުނިޔެ ނުރައްކަލުގެ ތެރެއަށް ވައްޓާލިއިރު، ހަމައެކަަނި ޗައިނާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އުޅެނީ 80،880 ގައެވެ.
ޗައިނާގައި ކޮވިޑް-19 ޖެހިގެން 3،213 މީހަކު މަރުވެފައިވާއިރު، މިހާރު މިބައްޔަށް ފަރުވާ ދެމުންދަނީ 9،898 މީހަކަށެވެ. އޭގެ ތެރޭގައި 3،226 މީހަކު ސީރިއަސް ހާލަތުގައި ވާކަމަށް ރިޕޯޓްތަކުން ދައްކަ އެވެ. އަދި ޗައިނާގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް 67،769 މީހަކު ފަރުވާ ދިނުމަށްފަހު ރަނގަޅުވެފައިވެއެވެ.
ވޫހާން ސިޓީގައި މި ވައިރަސް ފެތުރުމާއެކު، ހޫބޭ ޕްރޮވިސް ލޮކްޑައުން ކޮށްފައިވެއެވެ. އަދި ޗައިނާގެ ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅައި، ކޮވިޑް-19 ޖެހޭ މީހުން މަދުކުރުމަށާއި ބަލި ޖެހޭ މީހުން ރަނގަޅުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ.
ޗައިނާގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅުވަމުންދާއިރު، ޔޫރަޕްގެ ބައެއް ގައުމުތަކަށް ކޮވިޑް-19ގެ ނުރައްކާ ވަނީ އިންތިހާއަށް ފޯރާފަ އެވެ. އެގޮތުން އިޓަލީ ހާލަތު ވަނީ ވަރަށް ބިޑަށް ދަށަށްގޮސްފަ އެވެ. އިޓާލީގެ ހާލަތަށް ބަލާއިރު، އިޓަލީގައި ހޯމަ ދުވަހާހަމައަށް 20،603 މީހަކަށް ކޮވިޑް-19 ޖެހިގެން ފަރުވާދެމުން އެބަދެ އެވެ. އަދި އިޓަލީގައި މިހާތަނަށް ކޮވިޑް-19 އަށް 24،747 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑް-19 ޖެހިގެން އިޓަލީގައި 1809 މީހަކު މަރުވެފައިވާއިރު، މިބަލި ޖެހުމަށްފަހު 2335 މީހަކު ރަނގަޅުވެފައިވެއެވެ. އިޓަލީގައި މިވަގުތު ކޮވިޑް-19 ޖެހިގެން ސީރިއަސް ހާލަތެއްގައި ވަނީ 1672 މީހެކެވެ.
އިޓަލީގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތައް ކަމަށްވާ، ޖާރމަން، ސްޕެއިން އަދި ފްރާންސްފަދަ ގައުމުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދެއެވެ. އެގައުމުތަކުން އަންނަނީ އެބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަމުންނެވެ. މީގެއިތުރުން އިރާނާއި ސައުތު ކޮރެއާގައިވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދެއެވެ.
ޗައިނާއިން މިހާރު ގެންދަނީ ބައެއް ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިޓަލީއަށް މެޑިކަލް ޓީމަކާއެކު ވަސީލަތްތައް މިހާރު ވަނީ ފޯރުކޮށްދީފަ އެވެ.