ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ.
އައިޖީއެމްއެޗުން ބުނީ ކޮވިޑް-19ގެ ވައިރަސް ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ މިދަނޑިވަޅުގައި އައިޖީއެމްއެޗަށް ވަދެ ނިކުންނަ ދޮރު ތަކަށް 1 މާރޗް 2020 އިން ފެށިގެން ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.
އެގޮތުން މިހާރު އިމަރޖެންސީ ރޫމަށް ޒިޔާރަތްކުރާ ފަރާތްތަކުން ފުރަތަމަ ދާންޖެހޭނީ އިމަރޖެންސީ ޕޯޓިކޯގައި ހެދިފައިވާ ޕްރައިމަރީ ޓްރިއާޖަށެވެ. މިތަނުން ޓްރައޭޖް ކުރުމަށްފަހު ސިއްހީ ހާލަތައް ބަލައި ފަރުވާ ލިބުމަށް ދެންދާނެ ތަނަކާމެދު އިތުރަށް އިރުޝާދު ލިބޭނެ ކަަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ އިމަރޖެންސީ ރޫމަށް ވަނުމަށް އާންމުކޮށް ބޭނުންކުރާ ކޮރިޑޯ މިހާރު ބޭނުން ނުކުރެވޭނެ ކަމަށާއި، ވޯޑު ތަކަށާއި ނެޝަނަލް ކާޑިއެކް ސެންޓަރަށް ވަންނަން ބޭނުންވާ މީހުންނަށް ވަދެވޭނީ ބޮޑުތަކުރުފާނު މަގުގައިވާ ދޮރާށިން ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ ލެބޯރެޓަރީއަށް ދާނަމަ، ވަންނަނީ ކަނބާ އައިސާ ރަނި ހިނގުމުގަ ހުންނަ މައި ދޮރާށިން ކަމަށެވެ.
މިކަމާއި ގުޅިގެން އާންމުންނަށް ކުރިމަތިވެދާނެ ދަތިތަކަކަށް އައިޖީއެމްއެޗުން އާންމުންގެ ކިބައިން މާފަށް އެދިފައިވާއިރު، ކޮވިޑް-19އިން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ކަމާ ބެހޭ މުއައްސަސާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.