ރޯގާ ޖެހި ކެއްސާ ކިނބިހި އެޅުންފަދަ ވައިރަހުގެ އަލާމާތެއް ފެންނަ މީހުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމް ދީނަކީ އިންސާނުންގެ ފުރާނައަށް ގެއްލުންވާ ފަދަ އެންމެހާ ކަންކަމުން ދުރުވެ ތިބުމަށް ބާރުއަޅާ ދީން ކަމަށެވެ.
އެގޮތުން ކޮވިޑް-19ގެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ފުއްޕާމޭގެ ބަލިމީހުންނާއި، ހުންއައިސް ރޯގާ ޖެހި ކެއްސާ ކިނބިހި އެޅުންފަދަ ވައިރަހުގެ އަލާމާތެއް ފެންނަ މީހުން މިސްކިތުގެ ޖަމާއަތަށް މިދަނޑިވަޅުގައި ނުދިއުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އިސްކާމިކް މިނިސްޓްރީން ބުނީ ކޮވިޑް-19 މިބަލި ޢާންމުވެގެން ދިއުމާގުޅިގެން ޑިޒާސްޓަރ މެނޭޖުމެންޓް ސެންޓަރުގެ އިރުޝާދާއެކު މިސްކިތްތަކުގެ ކާޕެޓް ނެގުމަށް އެންގި އެންގުމާ ގުޅިގެން ބައެއް މިސްކިތްތައް ބަންދުކުރަމުންދާ ކަމަށެވެ. ނަމަވެސް އެއްވެސް މިސްކިތެއް ބަންދުކުރަންޖެހޭ ޙާލަތަކަށް ހިނގައްޖެނަމަ އެކަމާ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން އެކަން ނިންމާނީ އިސްލާމިކް މިނިސްޓްރީން ކަމަށް ސިޓީ ކައުންސިލްގެ އިދާރާ، އަތޮޅު ކައުންސިލްގެ އިދާރާ، އަދި ރަށު ކައުންސިލްގެ އިދާރާތަކަށް މިނިސްޓްރީން އަންގާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބައެއް މިސްކިތުގައި މުށި ނުޖަހާ ކާޕެޓް އަޅާފައި ހުރުމުގެ ސަބަބުންނާ ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ކާޕެޓް ނެގެން ނެތް މިސްކިތްތަކުގައި ކާޕެޓް މަތިން ނޮވިލޯން ނުވަތަ ސަތަރި އަޅާ ފަސްވަގުތު ނަމާދު ކުރުމުގެ ކުރިން މިސްކިތް މޮޕްކޮށް ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެދޭ ކަމަށެވެ.