ކ. މާލެ
|
16 މާރޗް 2020 | ހޯމަ 12:11
ފުލުހުންގެ މައި މަރުކަޒު \"ޝަހީދު ހުސައިން އާދަމް ބިލްޑިންގް\"
ފުލުހުންގެ މައި މަރުކަޒު "ޝަހީދު ހުސައިން އާދަމް ބިލްޑިންގް"
ދަ އެޑިޝަން
ފުލުހުންގެ ހިދްމަތުގެ ބިލް
ފުލުހުންގެ ގާނޫނުގެ ބަދަލުގައި ފުލުހުންގެ ހިދުމަތުގެ ބިލެއް!
މަޤްޞަދަކީ ފުލުހުންގެ ހިދްމަތް ޕްރޮފެޝަނަލްކޮށް، މުޅި ރާއްޖެއަށް ހިދްމަތް ދިނުން
ފުލުހުންގެ ހިދްމަތަކީ ވަޒީފާއާބެހޭ ގާނޫނުން އިސްތިސްނާ ލިބިގެންވާ މަދަނީ ހިދްމަތެއް
މިބިލަކީ "ދިވެހި ފުލުހުންގެ ގާނޫނު"ގެ ބަދަލުގައި ހުށަހަޅާފައިވާ "ދިވެހި ފުލުހުންގެ ހިދްމަތުގެ" ބިލެއް

މިހާރު ޢަމަލުކުރަމުންދާ ދިވެހި ފުލުހުންގެ ޤާނޫނުގެ ބަދަލުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެބިލަށް މަޖިލީހުގެ ގިނަ މެންބަރުން ބަހުޘް ކުރައްވައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގައި ބުނެފައިވާ ގޮތުން، މި ބިލުގެ ބޭނުމަކީ ފުލުހުންގެ ޚިދުމަތުގެ އެންމެހާ ކަންކަމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުއާސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ޙައްޤުތަކަށް އިޙުތިރާމާއެކު ޤާނޫނުގެ ޙުކޫމާތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުން ކަމަށެވެ. އަދި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު)ގެ ބަދަލުގައި އާ ޤާނޫނެއް ތަޢާރަފުކޮށް، ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާގޮތާއި، ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުޞޫލުތަކާއި، ފުލުހުން ޚިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ޚިދުމަތާގުޅޭ އެނޫންވެސް ކަންކަން އެޤާނޫނު މެދުވެރިކޮށް އަލުން ކަނޑައެޅުން ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގައި ވެއެވެ.

މިބިލުގައިވާ ގޮތުން، ދިވެހި ފުލުހުންގެ ޚާއްޞަ ސިފަތައް ކަމަށް ބަޔާންކުރާ މާއްދާގައި ބުނަނީ، ފުލުހުންގެ ޚިދުމަތަކީ، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގަ އެވެ. އަދި ޚިދުމަތް މުޅި ރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ޚިދުމަތެއްގެ ގޮތުގަ އެވެ. އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، މުޅި ދިވެހިރާއްޖެއަށް ޚިދުމަތް ފޯރުކޮށްދެވޭ ޚިދުމަތެއްގެ ގޮތުގައިވެސް ފުލުހުންގެ ޚިދުމަތްވާން ޖެހޭނެ ކަމަށް މިބިލުގައި ބުނެފައި ވެއެވެ.

މީގެއިތުރުން ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ މަދަނީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މަތިންތިރިއަށް ތަރުތީބު ކުރެވިފައިވާ ނިޒާމެއްގެ މައްޗަށް ބިނާކޮށް، ހިންގާ ފުލުހުންނާއި، ފުލުހުން ނޫން މުވައްޒަފުންވެސް މަސައްކަތްކުރާ ޤާނޫނު ތަންފީޒު ކުރާ ޚިދުމަތެއް ކަމަށްވެސް ފުލުހުންގެ ޚިދުމަތުގެ ބިލުގައި ބަޔާން ކޮށްފައި ވެއެވެ.

މިބިލަށް ބަހުޘްކުރެއްވި މެންބަރުން ވިދާޅުވީ، ފުލުހުންގެ ތެރޭގައި ވެސް ކޮރަޕްޝަނާއި، ފަސާދައިގެ ޢަމަލުތަކާއި، އަނިޔާވެރި ޢަމަލުތައް ހިންގާ މަދު ބަޔަކު ނަމަވެސް އުޅެމުންދާ ކަމަށެވެ. މިބިލުގެ މައިގަނޑު މަޤްޞަދަކީ އެފަދަ ކަންކަމުން ފުލުހުން ދުރުކޮށް، ޕްރޮފެޝަނަލްކޮށް ރައްޔިތުންނަށް ޚިދުމަތް ދެވޭނެ މުއައްސަސާއެއް އުފެއްދުން ކަމަށެވެ. އަދި ރައްޔިތުންނާއި މުދާ ރައްކާތެރިކޮށް، މުޖުތަމަޢުއަކީ ރައްކާތެރި މުޖުތަމަޢުއެއް ގޮތުގައި ދެމިއޮތުމަށް ފުލުހުންގެ ޚިދުމަތަކީ ވަރަށް މުހިއްމު ޚިދުމަތެއްކަމަށްވެސް މެންބަރުން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ފުލުހުންގެ ޚިދުމަތާމެދު ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަބަދުވެސް އިވެމުންދެއެވެ. ސިޔާސީ ބޭނުމަށް އޭރަކު އޮންނަ ސަރުކާރަކުން ސިޔާސީ މީހުން ހައްޔަރުކުރުމާއި، ޖެއްސުން ކުރުމުގައި ފުލުހުން ބޭނުން ކުރަމުންދާކަމަށް ވެސް އަބަދުވެސް އިވެމުން ދެއެވެ.

އެގޮތުން އެންމެފަހުން ވެރިކަން ކުރެއްވި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ހިންގި ޖަރީމާތަކުގައި ވެސް ފުލުހުންގެ ދައުރު ވަރަށް ބޮޑުކަމަށް ވެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާ އެތައް ސަތޭކަ ރައްޔިތުންނެއް ނުޙައްޤުން ޖަލަށްލާފައި ވެއެވެ.

މީގެއިތުރުން، ދައުލަތުން މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ފުލުހުންގެ ބައިވެރިވުން އޮންކަން އޭރު ރައީސް ކަމުގެ މަޤާމުގައި ހުންނެވި ޔާމީން ވަނީ ވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި ދިވެހި ސިފައިންނާއި ފުލުހުންގެ މުއައްސަސާގެ ތެރޭގައި ވެސް ކޮރަޕްޝަން އިންތިހާއަށް ހިންގަމުން ގޮސްފައި ވެއެވެ.

- ކޮމެންޓް